ތާރީޚުގެ ޞަފުޙާތައް މިއަދު މި އުކައިލަނީ 19 ވަނަ ޤަރުނުގެ ނިމުމަކާއި ހިސާބަށެވެ. ހުރާގޭ ޚާންދާނުން ރަސްކަންކުރެއްވި 09 ވަނަ ރަދުން އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން(6 ވަނަ) ގެ ރަސްކަމުގެ ފަހު ދުވަސްވަރާއި ހިސާބަށެވެ.
ދިވެހިތާރީޚު ބުނާގޮތުން އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން(6 ވަނަ) ނުވަތަ މަޝްހޫރު ނަމުންނަމަ ޙާޖީ އިމާދުއްދީން ރަސްކަމަށް އިސްވެވަޑައިގަތީ 6 މުޙައްރަމް 1311ހ، 20 ޖުލައި 1893 ގައެވެ. ނަމަވެސް ބައެއް ލިޔުންތަކުގައި ރަސްކަމަށް އިސްކުރެއްވުނު ތާރީޚަކީ 1893 ވަނަ އަހަރުގެ ޖުލައި 21 ކަމަށް ލިޔެފައިވެއެވެ.
20 ވަނަ ޤަރުނު ފެށުނު އިންނެވި މި ރަދުންގެ ޒަމާނުގައި އައްނަބީލް އިސްމާޢީލް ދޮށިމޭނާ ކިލެގެފާނު (ކަކާގޭ އިސްމާޢީލްދީދީ) އަކީ ނަންހުރި, ވަކިން ޢިއްޒަތް ލިބިގެންވީ ބޭފުޅަކަށްވިއެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ, ކަކާގޭ އިސްމާޢީލްދީދީއަކީ,އެދުރު އިބްރާހީމް ރަންނަބަނޑޭރި ކިލެގެފާނުގެ ފުތް ކަކާގޭ ޢަލީ ރަންނަ ބަނޑޭރި ކިލެގެފާނުގެ ދަރިކަލެކެވެ. މައިފުށަށް ބަލާނަމަ, މާވާ ކިލެގެފާނުގެ ގަނޑުވަރު ޙުސައިންދީދީގެ ދަރިކަނބަލުން ޢާއިޝާދީދީ (ކަކާގޭ ދޮންދީދީ) ގެ ދަރިކަލެކެވެ.
މީލާދީ ސަނަތުން 1866 ވަނަ އަހަރުގެ އޭޕްރީލް 30
(14 ޛުލްޙައްޖާ 1228ހ) ގައި ދުނިޔޭގެ އަލިކަންދެކެވަޑައިގެންނެވި ކަކާގޭ އިސްމާޢީލްދީދީ, ޙާޖީ އިމާދުއްދީނުގެ ޒަމާނުގައި ނަންހުރި ބޭފުޅަކަށްވީ ސަބަބުތަކަށް ބަލާއިރު, ކަކާގޭ އިސްމާޢީލްދީދީގެ އަނބިކަނބަލުންނަކީ މާންދޫގޭ މެދުގޮމައެވެ.
މި ގޮމަޔަކީ ޙާޖީ އިމާދުއްދީނާއި އެއްބަނޑުއެއްބަފާ ކަނބަލެކެވެ. އެ ގޮތުން ރަސްކަމުގެ ޚާންދާނުގައި ކަކާގޭ އިސްމާޢީލްދީދީއަކީ އަގު އުފުލިގެންދިޔައެވެ. ހަމައެއާއެކު ފާމުދޭރި ނުވަތަ ފާމުލަދޭރިކަމަށް ކޮލިލައްވައި ހަވަރުގެ ވެރިކަން ވެސް ދެއްވައިފިއެވެ.
ސަރުކާރުން އެ ދުވަސްވަރު ލަންކާގައި ހުންނަ އިނގިރޭސި ގަވަރުނަރު އަރިހަށް ފޮނުއްވާ ބޮޑުންގެތެރޭގައި ކަކާގޭ އިސްމާޢީލްދީދީއާއި ބޮޑު ފެންވަޅުގޭ ސީދީގެ ބައްޕާފުޅު ކުޑަސީދީ ވެސް ފޮނުއްވައެވެ.
މި ގޮތުން އެއްފަހަރަކު ފޮނުއްވެވީ ކަކާގޭ އިސްމާޢީލްދީދީއާއި ބޮޑު ފެންވަޅުގޭ ސީދީގެ ބައްޕާފުޅު ކުޑަސީދީއެވެ. އެ ދެ ބޭފުޅުން އެނބުރި ރާއްޖެ ވަޑައިގެންނެވިއިރު, އޮށްތަކެއް ގެންނެވިއެވެ. އެ އޮށްތައް އިންދެވުމުން ފެޅި ވެލަކީ ވަރަށް އަވަހަށް ގިނަވާ ވެލެކެވެ. އިސާހިތަކު މުޅި ރާއްޖޭގެ ކަންކޮޅުތަކުގައި އެ ވެޔޮ ހެދި ގިނަވެއްޖެއެވެ.
ދިވެހިތާރީޚީ ލިޔުންތެރިޔާ ޢަބްދުލް ޙަކީމް ޙުސައިން މަނިކު ވިދާޅުވެފައިވެއެވެ.
”އެއްދުވަހަކު ޢަބްދުލްޤައްޔޫމް އަޅުގަނޑާއި ދޮށިމޭނާފަތުގެ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިޔޭ، “ކޮއްކޮއަށް ދޮށިމޭނާ ’ކޮއްކޮއަށް ދޮށިމޭނާފަތް ކިޔުނުގޮތް އެނގޭހޭ’، ދެންނެވީމޭ ނޭނގެއެވެ. ދެން ވިދާޅުވިއޭ، އެއްފަހަރަކު ކުޑަ ސީދިބެއާއި، ކަކާގޭ އިސްމާޢީލްދީދީ ޙާޖީ އިމާދުއްދީންގެ ރަސްކަމުގައި ކޮޅުނބަށް ވަޑައިގެންފައި މާލެ ވަޑައިގެންނެވިއިރު، އިސްމާޢީލު ދީދީ ވަޑައިގަތީ ދޮށިމޭނާވެލުގެ އޮށް ހިއްޕަވައިގެންނެވެ. އޭރު ހުންނެވީ ދޮށިމޭނާ ބޭކަލަކަށެވެ. މިހެންކަމުން އެ ވެލުގެ ނަންކިޔުނީ ’ދޮށިމޭނާ ވެޔޮ‘ މިހެންނެވެ.“
ދުވަސްތައް ފާއިތުވެ ޙާޖީ އިމާދުއްދީން ފުރައުއްތަ(’މަރު‘ މި ލަފުޒު އެންމެ މާތްކޮށް ބުނާގޮތް) ވެއްޖެއެވެ. ދެންްއައި ރަސްކަމުގައި ކަކާގޭ އިސްމާޢީލްދީދީއަކީ ނަގާކިޔާ ބޭފުޅަކަށްނުވިއެވެ. އެ ގޮތުން އެ މަނިކުފާނު ވިޔަފާރި ކުރައްވަން ފެއްޓެވިއެވެ.
1914 ވަނަ އަހަރު ބޮޑު ހަނގުރާމައިގެ ތަންކޮޅެއްކުރިން ފާރޮށި އުނދުން ހައްދަވައިގެން ފާރޮށި ފިހަން ފެއްޓެވިއެވެ. ފާރޮށި ފިހަން ފެއްޓެވުމުން ރާއްޖެއަށް މާ މަޝްހޫރު އެއްޗަކަށްވެގެން ހިނގައްޖެއެވެ. ސަޔާއެކު ބޭނުންކުރަން މާ ކަމުދާ އެއްޗަކަށް ވެއްޖެއެވެ. ދުވަހަކަށްވުރެ ދުވަހަކު އެ ވިޔަފާރި ކުރިއަރައިގެން ގޮސް، އިސްމާޢީލްދީދީގެ ދޮށީ ދަރިކަލުން ޙުސައިން ހިލްމީ ދީދީ އަތިރީގެ ކުޑަކުޑަ ފެކްޓްރީއަކަށް ހައްދަވައި ވިޔަފާރި ފުޅާކުރައްވައިފިއެވެ.
އެ ފެކްޓްރީގައި މަޑު ފާރޮށްޓާއި ހަރު ފާރޮށްޓާއި ބަނަހާއި ޕާނާއި ނާނު(ފާރޮށި އުނދުނުގައި ގޮދަން ފުށުން ފިހާ، ބޯކިބަލެއްގެ ބައްޓަމަށް އޮންނަ ކަމީރު ރޮށްޓެއް) ފިއްސަވަން ފައްޓަވައިފިއެވެ. އެހެންކަމުން މުޅި ރާއްޖެއަށް މި ތަކެތި ޢާންމުވެގެން ހިނގައްޖެއެވެ.
އާދޭހެވެ. ދޮށިމޭނާ ވެޔޮ ރާއްޖެ އެތެރެވީ ކޮންގޮތަކުން ކިހިނެއްކަމާއި ރާއްޖޭގައި އެންމެ ފުރަތަމަ ފާރޮށި ފިހެ ޢާންމުވީ ގޮތް، ތިޔަ ބޭފުޅުންނަށް ދަންނަވައިލެވުނުކަމުގެ އުފަލާއެކު ވެސް، ދެތިން ބަހެއް ދަންނަވައިލާނަމެވެ.
ތެދެކެވެ. އެކި ގޮތްގޮތުން ޤައުމަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ހަނދާން އައުކުރެވޭނެއެވެ. އެ ފަދަ ބޭބޭފުޅުން އަވަހާރަވީއިރު ވަނީ ސާދާ ސީދާ ވާހަކަތަކެއް ތާރީޚުގެތެރެއަށް ދޫކުރައްވާފައެވެ.
އެ ގޮތުން އެފަދަ ރީތި ޞަފުޙާތަކެއް ދޫކުރައްވާފައި ކަކާގޭ އިސްމާޢީލް ދީދީ އަވަހާރަވީ 1928 ވަނައަހަރުގެ އޮކްޓޫބަރު މަހުގެ 05 ވަނަ ދުވަހުގައެވެ. ނުވަތަ ހިޖުރައިން 1347 ވަނަ އަހަރުގެ ރަބީޢުލް އާޚިރު 20 ވަނައަށް ވީ ހުކުރު ދުވަހު މާލޭގައެވެ. މާތް ﷲ ކަކާގޭ އިސްމާޢީލް ދީދީ ރަޙްމަތްލައްވާށި! އާމީން!
~ރިފަރެންސް~
1.ހަދާނާއި ތާރީޚުގެތެރެއިން (01ވަނަ ބައި )- އަހުމަދު ނަޖީބް – 2006
2.ފަތްތޫރަ ނަންބަރު 24(ޖުލައި 1983)