މައްޝޫރު އަންނައުނު ބްރޭންޑް ”ރަލްފް ލޮއުރެން“ އިން އަގުބޮޑު އަދި ތަފާތު ބޮއިލަރު ސޫޓެއް ނެރެފިއެވެ.
”ރަލްފް ލޮއުރެން“ އިން ނެރުނު މި ބޮއިލަރު ސޫޓުގައި ހުންނަނީ ކުލަ އަދި ކިލާ ހޭކިފައެވެ. މިއީ ކުރިއަށް އޮތް ފިނި މޫސުމުގައި ފިރިހެނުން ލުމަށް ކަމުދާނެ ސޫޓެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މު ސޫޓުގައި ހޭކިފައިވާ ކުލައަކީ ފިރިހެނުންގެ މަސައްކަތް ތެރިކަން ދައްކުވައިދޭނެ އެއްޗެއް ކަމަށް އެމީހުން ވަނީ ބުނެފައެވެ.
809 ޑޮލަރުގެ މި ސޫޓު ނެރުމާއި އެކު ގިނަބަޔަކު ވަނީ އެކުންފުންޏަށް ފާޑު ކިޔަން ފަށާފައެވެ. ބައެއް ފަރާތްތަކުން ބުނަމުން ދަނީ، ”ރަލްފް ލޮއުރެން“ ގެ ޑިޒައިނަރުންގެ ބުއްދި ފިލާ ދިޔައީ ކަމަށާއި، އެކަހަލަ ސޫޓެއް އަމިއްލައަށް ވެސް ހެދިދާނެ ކަމަށެވެ. އެހެން ނަމަވެސް ”ރަލްފް ލޮއުރެން“ އިން ބުނެފައިވަނީ މި ސޫޓަކީ ޖަޕާނުގެ މޮޅު ކޮޓަންއިން ތައްޔާރު ކޮށްފައިވާ ސޫޓެއް ކަމަށާއި، މީގައި ބޮއިލަރު ސޫޓެއްގައި ހުންނާނެ ހުރިހާ ބައެއް ހުންނާނެ ކަމަށެވެ.
”ރަލްފް ލޮއުރެން“ އިން ބޮއިލަރު ސޫޓެއް ބާޒާރަށް ނެރިފައިވާއިރު، މީގެ ދުވަސް ކޮޅެއް ކުރިން ގޫޗީ ކުންފުނިންވެސް ވަނީ، ކިލާ ހޭކިފައި ހުންނަ ޖިންސެއް ނެރެފައެވެ.