އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތުހުމަތުކުރެވޭ ފަރާތްތައް އެނގޭއިރު ވެސް، އެ ފަރާތްތަކަށް ދަޢުވާކުރަމުން ނުދާކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތުހުމަތުކުރެވޭ ފަރާތްތައް އެނގޭއިރު، ޕްރޮސިކިއުޓަރ ޖެނެރަލް(ޕީޖީ) އިންނާއި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން އެ ފަރާތްތަކަށް ދަޢުވާކުރަމުން ނުދާކަމަށެވެ.
”އަޅުގަނޑަކަށް އެއްވެސް މިންވަރަކަށް ވިސްނައިގަންނަން ވެސް ނޭނގިގެން މި އުޅެނީ، އޮޅިފައި މިހުރީ، އެމްއެމްޕީއާރްސީގެ މައްސަލަ ތުހުމަތުކުރެވޭ މީހުން ސާފުކޮށް އެނގޭއިރު އެކަމާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ފުލުހުން ވެސް ޕްރޮސިކިއުޓާރ ޖެނެރަލް ވެސް އެއްވެސް ދަޢުވާއެއް ނުއުފުލާ ތިއްބަވާ ސަބަބެއް އެއީ ވަރަށް އަޅުގަނޑު ވަރަށް ބޮޑަށް ހުއްޓުން އަރާކަމެއް..“(ނަޝީދު)
ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިންގުމުގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފޯނަށް ފޮނުވާފައިވާ 70000 އަށްވުރެ ގިނަ މެސެޖު ސީދާ އެ މަނިކުފާނު ތަޙުޤީޤީ އިދާރާތަކާއި ހިއްސާކުރެއްވި ކަމަށެވެ. އަދި އެ މެސެޖުތަކުން ޚިޔާނާތުގެ ބައިވެރިން އެނގޭއިރު އަދީބު އިޢުތިރާފުވެވަޑައިގަތުމަށްފަހު އެކަމާއި ގުޅޭ ގިނަ ވާހަކަތައް ދައްކަވާފައި ނުވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްނަޝީދު ވަނީ މި މައްސަލަ ވަކި ކޮޅެއްގައި ނުޖެހި އޮތުމުން ކަންބޮޑުވެވަޑައިގަންނަވާކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް ނަޝީދު މި ވާހަކަ ދައްކަވާފައިވާއިރު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 76 ވަނަ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ މި މައްސަލައަށް އަލިއަޅުއްވައިލައްވައި ވާހަކަދައްކަވާފައެވެ.
އެ ގޮތުން ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައާއި ގުޅިގެން މި ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް އެއްވެސް މިންވަރަކަށް ފައިސާ ލިބިފައިވޭތޯ ނުވަތަ ނުވޭތޯ ސާފުކުރަންވެގެން ސްޓޯލެން އެސެޓް ރިކަވަރީ ޕްރޮގްރާމުގައި ނުވަތަ ގެއްލިފައިވާ ފައިސާ ހޯދާ ކޮމިޝަނަށް އެދިވަޑައިގަންނަވާފައިވާނެ ކަމަށެވެ.
”އަޅުގަނޑު މި އުއްމީދުކުރަނީ، އެ ކޮމިޝަނުން ހިންގަމުން ގެންދާ ތަޙުޤީޤުތައް އަވަހަށް ނިމި، އެ ކޮމިޝަނަށް ދަޢުވާކުރަން ފެނިވަޑައިގަންނަވާ ބައެއްގެ މައްޗަށް ދަޢުވާކުރުމުގެ ކަންތައް ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި ގެންގޮސް ނިންމޭނެ ކަމަށް. އަޅުގަނޑަށް ވެސް އިއްޒަތްތެރި މެންބަރު ތިޔަ ފާހަގަކުރައްވާ ނުކުތާ ފާހަގަވޭ. މި މަޖިލީހުގެ މެންބަރުންނަށް ތުހުމަތުކުރެވިފައިވާއިރު، އެއީ ކޮން މަންބަރުންނެއްކަން މި މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ނުވަތަ ރާއްޖޭގެ ރައްޔިތުންނަށް ސާފުވެވަޑައިނުގަންނަވާ ކަމަށް ވަނީ ވިއްޔާ، ތުހުމަތު އެ ރައްދުވަނީ 87 މެންބަރުންނަށް. އެހެންވީމާ، މީގައި ސާފުސާދާކޮށް ތިއްބެވި މެންބަރުންގެ ހިތް ނުތަނަވަސްވާނެ މިކަން ސާފުނުވެ އޮތްހާ ހިނދަކު. އަޅުގަނޑު ، ގެއްލިފައިވާ ދައުލަތުގެ ފައިސާ ހޯދާ ކޮމިޝަންގެ ކިބައިން ވަރަށް އަދަބުވެރިކަމާއި އިޚުލާސްތެރިކަމާއެކު އެދެން، އަދި ފުލުސް އޮފީހުގައި ވެސް އެދެން، އަދި ޕްރޮސިކިއުޓަރ ޖެނެރަލް އަރިހުން ވެސް އެދެން، އެމްއެމްޕީއާރްސީގެ ފައިސާގައި ޖެހިފައިވާ އެންމެހައި ފަރާތްތަކާ ގުޅޭ ގޮތުން ދަޢުވާ އުފުލައިދެހެރޭ. އަޅުގަނޑު ދެކޭގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާގައި ޖެހިފައިވާ މީހުންނަކީ ކޮބައިކަން ވަރަށް ސާފުކޮށް ފުލުސް އޮފީހަށް ވެސް، އެޓަރނީ ޖެނެރަލް އޮފީހަށް ވެސް، އަދި އެ ކޮމިޝަނަށް ވެސް، އެ ފައިސާ ހޯދާ ކޮމިޝަނަށް ވެސް އިނގޭނެ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތްގޮތުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އެކަމާ ގުޅޭ ގޮތުން ހޯދަމުންގެންދިޔަ ހޯދުންތަކެއް. އެއީ ބޭރުގެ އިދާރާތަކަކާ ގުޅިގެން ހޯދަމުންގެންދިޔަ ހޯދުންތަކެއް. ޚާއްޞަ ގޮތެއްގައި ކުރީގެ ނަ އިބު ރައީސް އަޙްމަދު އަދީބުގެ ދެ ފޯނާއި އޭނާގެ ލެޕްޓޮޕް ދިވެހި ރައްޔިތުންގެ ޑިމޮކްރެ ޓިކް ޕާޓީއަށް ލިބުމާ ގުޅިގެން އެ ތަކެތި ދެވުނީ ފޮރިންސިކް އެކައުންޓެއްގެ އަތަށް. ފޮރިންސިކް އެކައުންޓެންޓުގެ ރިޕޯޓު އޮތް ގޮތަށް ، އޮތް ގޮތަށް ބަނޑާރަ ނައިބާ ދިވެހި ރައްޔިތުންގެ މޮކްރެޓިކް ޕާޓީގެ ޗެއަރޕާސަން ވަނީ ހަވާލުކުރައްވާފަ. ބަންޑާރަ ނައިބު ވަނީ އެ ރިޕޯޓާއި އެ މަޢުލޫމާތު އޮތް ގޮތަށް ފައިސާ ހޯދާ ކޮމިޝަނާއި ހަވާލުކޮށްފަ. ކޮމިޝަނުން އެ ހިސާބުން ފެށިގެން އޭގައި ހުރީ މީސް މީހުންގެ ނަންތަކުގެ އައިޑީކާޑު ނަންބަރު ކުޑަކޮށް ބަލައިލައި ޗެކުކޮށްލަން ވެސް ޙަޤީޤަތުގައި ނުޖެހޭނެ. އެ މަސައްކަތް ވެސް ވާނީ ނިމިފަ. 73 ހާސް ޓެކްސްޓު އޭގައި ހިމެނޭ. އެ ހުރިހާ ޓެކްސްޓު ވަކިން ލިޔެވި ، އިނގިރޭސި ބަހަށް ތަރުޖަމާކުރެވި، އޭނާއަކީ ކާކުތޯ، މި ފޯން ނަންބަރަކީ ކާކުތޯ، މި ޓެކްސްޓު ދިޔައީ ކާކަށްތޯ މުޅިން ސާފުވޭ. މަޖިލީހުގެ ކޮންކޮން އިއްޒަތްތެރި މެންބަރުންނެއްގެ ފޯނުކޯލްތަކަށްތޯ ޓެކްސްތައް ދިޔައީ، ކޮންކޮން މެންބަރުންނެއްތޯ ކުރީގެ ނައިބު ރައީސާ އި ޓެކްސްއިން މި މުޢާމަލާތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަނީ. މި އެންމެ މަޢުލޫމާތަކީ ވަރަސް ސާފުކޮށް އެނގި ހުރި މަޢުލޫމާތު. ފުލުހުންނަކަށް ވެސް އަދި އެހެން ބަޔަކަށް ވެސް ނުދެންނެވޭނެ، ވިދާޅެ އް ނުވެ ވޭނެ ތަޙުޤީޤުކުރަނީއެކޭ. އެހެންވީމާ، ލަސްވަނީއޭ . މި ވާހަކަ މި ދައްކަނީ މިކަން ވަރަށް ރަނގަޅަށް އެނގި ހުރި މީހެއް.“ (ރައީސް ނަޝީދު)
މި މައްސަލައާއި ގުޅިގެން އަދީބު ވަނީ ސިޔާސީ ޕާޓީތަކަށާއި އެކިއެކި ކަންކަމަށް ޚިޔާނާތުގެ ފައިސާއިން މަންފާވެފައިވާކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އެއްވެސް ޕާޓީއަކަށް އެ ފައިސާ ނުލިބޭކަމަށް ބުނާއިރު، ރައީސް ނަޝީދު ވެސް ވަނީ ޚިޔާނާތުގެ ފައިސާއެއް ލިބިވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ.