”ދިޔަރެސް“ ނޫހުގެ ނޫސްވެރިޔާ އަޙްމަދު އަޒާންއަށް މަރުގެ އިންޒާރުދިން ކަމަށް ތުހުމަތުކޮށް އަޒާން ވަނީ އެކަން ކައުންސިލުގެ ސަމާލުކަމަށް ގެނެސްފައިކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.
މި ކަން ހާމަކޮށް މޯލްޑިވްސް މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ފަހަކަށް އައިސް ސޯޝަލްމީޑިއާގައްޔާއި އެހެނިހެން ގޮތްގޮތުން ވެސް މަރުގެ އިންޒާރާއި އެކި ކަހަލަ ފުރައްސާރަކުރުމުގެ ޢަމަލުތަކާއި ކުރިމަތިލާންޖެހިފައިވާކަމަށް އަޒާން އެ ކައުންސިލަށް މަޢުލޫމާތުދީފައިވާ ކަމަށެވެ.
އެ ގޮތުން އެކަމަކީ އެ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށާއި އެ ބާވަތުގެ ކަންކަމަކީ އާދައިގެ ކަމެއްގެ ގޮތުގައި އެ ކައުންސިލުން ނުދެކޭ ކަމަށްވެސް މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ. ސަބަބަކީ ވޭތުވެދިޔަ ތަނުގައި ވެސް ދިވެހި ނޫސްވެރިންނަށް ތަފާތު އިންޒާރުތަކާއި ފުރައްސާރައާއި ކުރިމަތިލާންޖެހި ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށްވެފައިވާތީކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.
އެހެންކަމުން އަޒާންގެ މައްސަލަ ވީހާވެސް އަވަހަކަށް ބަލައި ކަމުގެ ޙަޤީޤަތް ހާމަކޮށްދިނުމަށް ފުލުހުންނަށް އިލްތިމާސްކުރާކަމަށް ވެސް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ.
ވޭތުވެދިޔަ ތަނުގައި ވެސް ދިވެހި ނޫސްވެރިންނަށް ތަފާތު އިންޒާރުތަކާއި ފުރައްސާރައާއި ކުރިމަތިލާންޖެހި ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށްވެފައިވާކަމަށް މީޑިއާ ކައުންސިލުން ބުނެފައިވާއިރު, މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުވައިލި މައްސަލައިގެ ޙަޤީޤަތް ހޯދައި އިންސާފު ހޯދައިދެވިފައެއް ނުވެއެވެ.
އޭގެ އިތުރުން ދި އެޑިޝަންގެ ނޫސްވެރިޔާ ރާއީ މުނަވަރަށް ޖިންސީ ފުރައްސާރަކުރި މައްސަލައަށް ވެސް އިންސާފު ލިބިފައިނުވާކަން ފާހަގަކޮށްލެވެއެވެ.