މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިންޑިއާގެ ހައިދަރްބާދްގައި ރަހުމު ކުޑަކޮށް ގުރޫޕަކުން ވެގެން ރޭޕްކުރި ދިޝާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އިންޑިއާގެ ނަން މައްޝޫރު ޕްރޮޑިއުސަރ ރާމް ގޯޕާލް ވަރްމާ ތައްޔާރު ކުރާ ފިލްމާއި ދެކޮޅަށް ދިޝާގެ އާއިލާއިން މުޒާހަރާ ކުރަން ފަށައިފިއެވެ.
”ދިޝާ އެންކައުންޓަރ“ ގެ ނަމުން ނަންދީގެން ރާޕް ގޯޕާލް ތައްޔާރު ކުރާ އެފިލްމުގެ ޕޯސްޓަރު މިހާރު ވަނީ ދައްކާލާފައެވެ. މިއާއި އެކު ދިޝާގެ އާއިލާއިން ވަނީ އެކަމާއި މެދު ނުރުހުން ފާޅުކޮށް ރާމް ގޯޕާލް ދިރިއުޅޭ ގެ ކައިރީ މުޒާހަރާ ކުރަން ފަށާފައެވެ. އަދި އެއާއިލާއިން ބުނަމުންދަނީ ދިޝާ އަށް ދިމާވި ހާދިސާއަށް 1 އަހަރު ނުވަނީސް މިކަހަލަ ދަށުދަރަޖައިގެ ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިކަމަކީ އޭނާ ފައިސާ ހޯދުމަށް ކުރަމުންދާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ދިޝާގެ ބައްޕަ ބުނެފައިވަނީ، ދިޝާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފިލްމެއް ހެދުމުގެ ކުރިން އާއިލާ މީހަކާވެސް އެވާހަކަ ހިއްސާ ކޮށްފައިނުވާ ކަމަށާއި، ދަރުފުޅާއި ވައްތަރު އެކްޓަރަކު ބޭނުން ކޮށްގެން މިކަން ކުރުމަކީ އެމީހުންނަށް އިތުރަށް ދެވިގެންދާނެ އަނިޔާއެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އޭނާގެ ހުރި އަނެއް އަންހެން ދަރިފުޅުގެ ހިތުގައި މިކަމާއި ހެދި އަޅަމުންދާ ވޭން ބުނެދޭންވެސް ނޭނގޭ ކަމަށެވެ.
މިކަމާއި ގުޅިގެން ރާމް ގޯޕާލް ވަނީ، މިއީ ދިޝާގެ ހަޔާތުގެ މައްޗަށް ތައްޔާރު ކުރާ ފިލްމެއް ނޫން ކަމަށް ބުނެފައެވެ. އަދި މިއީ މީގެ އެތައް އަހަރެއް ކުރިން އިންޑިގައި ހިނގަމުން އަންނަ ރޭޕްގެ ކޭސްތަކުގެ މައްޗަށް ދިރާސާ ކުރުމަށްފަހު ތައްޔާރު ކުރާ ހިޔާލީ ފިލްމެއް ކަމަށްވެސް ރާމް ގޯޕާލް ވަނީ ބުނެފައެވެ.
2019 ވަނަ އަހަރު ހައިދަރްބާދްގައި ގުރޫޕަކުން ވެގެން ދިޝާ ވަނީ ލާއިންސާނީ ރަހުމު ކުޑަކޮށް ރޭޕްކޮށް މަރާލާފައެވެ. އޭގެ ދުވަސްކޮޅެއް ފަހުން ރޭޕް ކުރި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވި އެހެން ޖަލަކަށް ބަދަލު ކުރަން އުޅުމުގެ ތެރޭގައި އެމީހުންނާއި ފުލުހުންނާއި ދެމެދު ހިނގި ކުރިމަތި ލުންތަކެއްގައި އެމީހުން ވަނީ މަރުވެފައެވެ. މިއާއި އެކު އެއަވަށުގެ މީހުން ބުނެފައިވަނީ، މިއީ އެއަވަށުގެ ފުލުހުން ދިޝާގެ ރޭޕިސްޓުންނަށް ދިން ހައްގުވާ އަދަބެއް ކަމަށެވެ.