ބަދަލުގެ ގޮތުގައި ދީބާޖާ އިންވެސްޓްމަންޓަށް 348 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ކުރި ހުކުމް ރިވިއު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުން ކޯޓުގައި ތާވަލް ކޮށްފިއެވެ.
އެޓާރނީ ޖެނެރަލްގެ އޮފީހުން ސްޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލައިގެ އަޑުއެހުން ކޯޓުގައި ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 10:00 އަށެވެ.
މާދަމާ ބައްވާ އަޑުއެހުމަކީ ދީބާޖާ މައްސަލަ ރިވިއު ކުރުމަށް ހުށަހަޅާފައިވާ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. ދީބާޖާ މައްސަލަ ރިވިއު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ ޖެނުއަރީ 22 ގައެވެ.
ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް މިދިޔަ އަހަރު ދަމަހައްޓާފައިވަނީ ސުޕްރީމް ކޯޓުންނެވެ.
ދީބާޖާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދޭން ސިވިލް ކޯޓުން ހުކުމް ކުރީ އުތުރު ޕްރޮވިންސްގައި ރައީސް ނަޝީދުގެ ސަރުކާރުގައި 2010 ވަނަ އަހަރު ފެރީގެ ޚިދުމަތް ދިނުމަށް ހެދި އެއްބަސްވުން 2013 ވަނަ އަހަރު ބާތިލް ކުރުމާއި ގުޅިގެންނެވެ.