އެމެރިކާގެ ސްމާޓް ފޯން ކުންފުނި ކަމަށްވާ އެޕަލް އިން އެމީހުންގެ އެންމެ ފަހުގެ ފޯނު ”އައިފޯން 12“ ރިލީޒް ކޮށްފިއެވެ.
ރޭގެ ވަގުތެއްގައި އެޕަލްއިން ފޯނު ނެރުމަށް ބޭއްވި ރަސްމީޔާތުގައި ވަނީ، އައިފޯން 12 ގެ 4 ވައްތަރެއް ދައްކާލާފައެވެ. އެޕަލްއިން މިފަހަރު ނެރުނު ހުރިހާ ފޯނަކީވެސް 5ޖީ ސަޕޯޓް ކުރާނެ ފޯނުތަކެއް ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ. މީގެ އިތުރުން އެކުންފުނިން ބުނެފައިވަނީ މިފަހަރުގެ ފޯނުތަކުގައި ކުރިން ނެރުނު ފޯނުތަކަށްވުރެއް ގިނަ ޕިކްސަލް ހިމަނާފައިވާނެ ކަމަށާއި، އައިފޯން 12 ގެ ހުރިހާ މޮޑަލެއްގައިވެސް ބޭނުން ކޮށްފައިވާނީ، ސުޕާރ ރެޓިނަ ޑިސްޕްލޭ ކަމަށެވެ.
ފޯނު ނެރުމަށް ބޭއްވި ރަސްމީޔާތުގައި އެކުންފުނިން ބުނެފައިވަނީ، މި ފޯނުގައި މިހާތަނަށް ސްމާޓް ފޯނެއްގައި ހިމެނޭނެ އެންމެ ވަރުގަދަ ޑިސްޕްލޭ ކަމަށްވާ ސެރެމިކް ޝީލްޑް ހިމެނޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އައިފޯން 12 ގެ އިތުރުން އެކުންފުނިން ވަނީ ޗާޖަރެއްވެސް ނެރެފައެވެ. މެގަސޭފްގެ ނަމުން ނަންދެވިފައިވާ މި ޗާޖަރަކީ އަމިއްލަ ޒާތުގައި ފޯނާ ކަނެކްޓުވެ ޗާޖު ކުރެވޭނެ ފޯނެއް ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ. މީގެ އިތުރުން އެކުންފުނިން ވަނީ އިތުރު ވައްތަރެއްގެ ޗާޖަރެއް ދައްކާލާފައެވެ. އަލަށް ދައްކާލި މި ޗާޖަރުން އެއްފަހަރާ އައިފޯނުގެ އިތުރުން އެޕަލް ވޮޗް ޗާޖު ކުރެވޭނެއެވެ.
އެހެން ނަމަވެސް މިފަހަރު އެކުންފުނިން ނެރުނު ފޯނާއި އެއްކޮށް ޗާޖު ކުރުމަށް ބޭނުންވާ އެޑެޕްޓަރު ނުލިބޭނެއެވެ. ފޯނު ފޮށީގައި މިފަހަރު ހަމައެކަނި ހިމެނޭނީ ޔޫއެސްބީ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ. އައިފޯން 12 799 ޑޮލަރަށް ވިއްކާއިރު އައިފޯން 12 މިނީ ވިއްކުމަށް ހަމަޖެހިފައިވަނީ 699 ޑޮލަރަށެވެ.
ހުދު، ކަޅު، ނޫ، ރަތް އަދި ފެހި ކުލައިން މި ފޯނު ގަންނަން ބޭނުން ވާ ފަރާތްތަކަށް ގަތުމުގެ ފުރުސަތު ވަނީ އެކުންފުނިން ހުޅުވައިލައިފައެވެ.