ފްރާންސްގައި ދެ ވަނަ ލޮކްޑައުންގެ ދުވަސްތައް ގުނަމުންދާއިރު ބޭރަށް ނުކުމެވެނީ ކޮންމެހެން ނުކުންނަން ޖެހޭ ހާލަތެއްގައި އެކަމަށް ބޭނުންވާ ފޯމު ފުރުމަށްފަހު އެވެ. އެހެންކަމުން ބޭރަށް ނުކުންނަ ކޮންމެ މީހަކު ވާންޖެހޭނީ ކޮންމެހެން ބޭނުންވާ ކަމަކަށް ނުކުންނަ މީހަކަށެވެ. އެހެންނަމަވެސް މިފަހަރު ފްރާންސްގައި ހިނގައިގެން މިއުޅެނީ އާދަޔާހިލާފު ކަމެކެވެ. ބޭރަށް ނުކުންނަން ފުރާ ފޯމުގައި ފްރާންސް މީހަކު ސަބަބަކަށް ލިބުނީ ”މީހަކު ކުދިކޮށް ކޮށާލަން“ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު އެމީހާ ބޭރަށް ނުކުތީ ހަމަލާދިނުމަށް ބޭނުންކުރާނެ ވަޅިއެއް ހިފައިގެންނެވެ. ހެނދުނުގެ ވަގުތެއްގައި ކާރެއް ފަހަތުގައި ސިއްރުން އެމީހާ ފިލާ ހުރި މަންޒަރު ފުލުހުންނަށް ވަނީ ފެނިފަ އެވެ. އޭގެ ތަފްސީލަށް އެދުމުން އޭނާ ވަނީ އަތުގައި ފޯމު ދައްކައިފަ އެވެ. އެ ފޯމުގައި އޭނާ ބޭރަށް ނުކުންނަ ސަބަބަކަށް ލިޔެފައިއޮތީ މީހަކަށް ހަމަލާދޭން ކަމަށެވެ. އެގޮތަށް ލިޔެފައި އޮތުމުން ފުލުހުން ވަނީ އެއީ ބޭރަށް ނުކުންނަން ޖެހޭ ސަބަބެއް ނޫންކަމަށް ބުނެ އޭނާ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ އެވަގުތު އޭނާގެ އަތުގައި ވަޅިއަކާއި ފޯމު އޮތްކަމަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ހުރީ މަސްތުވެފައިވާ ހާލަތުގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ހައްޔަރު ކުރުމަށް ފަހު އޭނާ ގެންދިޔައީ ފުލުހުންގެ އިދާރާއަށެވެ. އަދި ދެ މައްސަލައަކާއި ގުޅިގެން އޭނާ ޖޫރިމަނާ ކޮށްފައިވެ އެވެ. އެއީ ލޮކްޑައުން ގަވާއިދާއި ހިލާފުވުމުން 135 ޔޫރޯގެ ޖޫރިމަނާއަކާއި މަސްތުގެ ހާލުގައި ހުރުމުން ކުރި 150 ޔޫރޯގެ ޖޫރިމަނާއެކެވެ. ޖޫރިމަނާ ކުރުމަށް ފަހު އޭނާ ދޫކޮށްލި ނަމަވެސް އަތުން ފެނުނު ވަޅިއާ ގުޅިގެން އިތުރު ތަހުގީގެއް ހިންގަން ފުލުހުން މިހާރު ވަނީ ނިންމައިފަ އެވެ.