ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ މައްޗަށް ބޮޑެތި ދަޢުވާތަކެއް ކޮށްފައިވާތީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ މަޤާމުގައި ޢަލީ ވަޙީދު ހުންނެވިއިރު އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ދަޢުވާކުރަން މިދިޔަ ބުދަ ދުވަހު ވަނީ ކޯޓަށް ހުށަހަޅާފައެވެ.
ދަޢުލަތުން ޢަލީ ވަޙީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދަޢުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާއާއި, ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދަޢުވާ އުފުލާފައެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު މިރޭ ފޮނުއްވި މެސެޖުގައި ވަނީ ޢަލީ ވަޙީދުގެ މައްޗަށް ވަރަށް ބޮޑު ދަޢުވާއެއްކުރާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެކި މީހުންނާއި މެދު އެކިގޮތަށް ޢަމަލުކުރާ ތަން ފެނިވަޑައިގަންނަވާ ކަމަށެވެ.
މިސާލެއް ނަންގަވަމުން ރައީސް ނަޝީދު ވިދާޅުވީ ގދ.ތިނަދޫގައި ޖިންސީ ގޯނާކޮށް އަންހެނަކު މަރައިލި މީހާގެ މައްޗަށް ކޮށްފައިވަނީ ދެ ދަޢުވާކަމަށާއި އެފަދަ ކިތަންމެ ބަޔަކަށް އެއްވެސް ދަޢުވާއެއްނުކޮށް ދޫކޮށްލާފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ޢަލީ ވަޙީދުގެ ބަޔާންތައް ބައްލަވާފައިވާ ކަމަށާއި އެކަމާމެދު އަޖާއިބުވެވަޑައިގަންނަވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް ވަނީ އެކި ދުވަސްތައް މަތިން ޢަލީ ވަޙީދު ޖިންސީ ފުރައްސާރަކުރިކަމަށް ބުނެފައެވެ. މި މައްސަލަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ހުށަހެޅުމުން ޢަލީ ވަޙީދު މިނިސްޓަރުކަމުގެ މަޤާމުން ވަކިކުރެއްވީއެވެ.
ނަމަވެސް ޢަލީ ވަޙީދު ވިދާޅުވީ އެއީ ބަޔަކު ރާވައިގެން ފަތުރާފައިވާ ތުހުމަތުތަކެއް ކަމަށާއި ބަޔަކު ހިންގި ޖަރީމާއެއްކަމަށެވެ.