އިސްލާމީ ޝަރީޢަތާއި ދުސްތޫރީ ނިޒާމަށް އަހުލުވެރިނޫން ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެގޮތުގައި ހުންނެވުމަކީ, މަޖިލީހުގެ ބަހުސްތަކުގައި ކީރިތި ޤުރުއާނުން ޙުއްޖަތް ޤާއިމުކުރުމަށް އޮތް ހުރަހެއްނޫންކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ އަޙްމަދުދީދީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާނުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކީރިތި ޤުރުއާނުގެ އާޔަތަކާއި މާނަ ވިދާޅުވާން ފެެއްޓެވުމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވަނީ އެކަމަށް ހުރަސްއަޅުއްވާފައެވެ.
މި ގޮތުން ރައީސް ނަޝީދު ވިދާޅުވީ“އަޅުގަނޑު ޤުރުއާން ހިތުދަހެއް ނޫން“ ކަމަށެވެ. އެހެންކަމުން އެ ގޮތަށް ވާހަކަދެއްކެވުމުން އުނދަގޫފުޅުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ އަޙްމަދުދީދީ މިރޭ ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމީ ޝަރީޢަތާއި ދުސްތޫރީ ނިޒާމަށް އަހުލުވެރިނޫން ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެގޮތުގައި ހުންނެވުމަކީ, އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވައިކޮށްގެން ތިއްބަވާ މަޖިލިސް މެންބަރުންނަށް މަޖިލީހުގެ ބަހުސްތަކުގައި ކީރިތި ޤުރުއާނުން ޙުއްޖަތް ޤާއިމުކުރުމަށް އޮތް ހުރަހެއްނޫންކަމަށެވެ.
ޤާނޫނު އަސާސީގެ 90 ވަނަ މާއްދާގައި (ހ) ބަޔާންކޮށްފައިވަނީ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަސްލަކާއި ޚިލާފު ނުވާގޮތުގެމަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓުދިނުމުގައި ޢަމަލުކުރި ގޮތެއްގެ ސަބަބުން ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަޙުޤީޤެއް ހިންގައިނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދަޢުވާއެއްކޮށް ހަދައިގެނެއް ނުވާނެކަމަށެވެ.
ހަމައެހެންމެ 90 ވަނަ މާއްދާގެ (ށ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގެ ބައްދަލުވުންތަކާބެހޭ ވާހަކަތައް ތެދުބަހުން ކަންހިނގިގޮތުގެ ޙަޤީޤަތް ނުގެއްލޭގޮތަށް ޝާއިޢުކުރާ ނުވަތަ ހާމަކުރާ މީހަކާއި ދެކޮޅަށް ނުވަތަ އެފަދަ ވާހަކައެއް ދެއްކި މީހަކާމެދު އަދި އެފަދަ ވާހަކައެއް ޝާއިޢުކުރި ނޫސް މަޖައްލާއަކާމެދު އެއްވެސް ދަޢުވާއެއްކޮށް އަދި އެއްވެސް ފިޔަވަޅެއް އަޅައިގެންނުވާނެ ކަމަށް ބަޔާންކޮށްފައެވެ.