”ދަ އިންޓަރނޭޝަނަލް އޮލިމްޕިކް ސްޓޭޑިއަމް ޕްރޮޖެކްޓް“ ގެ ފްރޭމްވާރކް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި، ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (CMEC) އާއި ދެމެދު ސޮއިކުރެވުނު މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ.
ހަމައެހެންމެ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ރެޕްރެޒެންޓޭޓިވް މިސްޓަރ ލިއު ޒައިއޯޑާއެވެ.
މިއަދު ސޮއިކުރެވުނު މި ފްރޭމްވާރކް އެއްބަސްވުމަކީ، ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަންގެ ފަރާތުން ހުށައަޅާފައިވާ ޕްރޮޕޯސަލް އާއި ގުޅިގެން ޕްރޮޖެކްޓްގެ ފީސަބިލިޓީ އަދި ޑިޒައިންގެ އިތުރުން ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ކުރެވުނު އެއްބަސްވުމެކެވެ.
”ދަ ކޮރަލް“ ގެ ނަމުގައި ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ގާތްގަނޑަކަށް 20،000 މީހުންގެ ޖާގައިގެ ސީޓިންގ ކެޕޭސިޓީގެ އިތުރުން ސިންތެޓިކް ރޭސް ޓްރެކްއަކާއި، ފުޓުބޯޅަ ދަނޑަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތައް ބޭއްވުމަށް ޚާއްސަ ޖާގަތަކެއް ހިމަނާފައިވެއެވެ.
މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑަަޅުއްވާފައި ހުންނަވާ ސަފީރު ޒާން ލިޒޮންގ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި ފޮރިން ސެކްރެޓަރީ ޢަބްދުލް ޣަފޫރު ބައިވެރިވެވަޑައިގެންނެވިއެވެ.