މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ރިފާޢު(ބޮޗޭ) އަލުން ޕީޕީއެމްއާއި ގުޅިވަޑައިގެންފިއެވެ.
އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމްއަށް ރިފާޢު ސޮއިކުރެއްވީ އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ގޮތުން އެ ރަސްމިއްޔާތުގައި ރިފާޢު ވަނީ ޕާޓީއާއި ގުޅިވަޑައިގެން, އިދިކޮޅު ކޯލިޝަން ލީޑްކުރައްވާ ޕީއެންސީގެ އިންތިޤާލީ ރައީސް ޢަބްދުއްރަޙީމް(އަދުރޭ) އާއި ފޯމު ހަވާލުކުރައްވާފައެވެ.
މިދިޔަ އަހަރުގެ ޖުލައިމަހުގައި ޕީޕީއެމް ދޫކޮށްލެއްވުމަށްފަހު ރިފާޢު ގުޅިވަޑައިގަތީ ޑީއާރުޕީއާއެވެ.
ނަމަވެސް މި މަހުގެ 16 ވަނަ ދުވަހު ރިފާޢުވަނީ ޑީއާރުޕީގެ ނައިބު ލީޑަރުކަމުންނާއި, ޔޮޓް ޓުއާސް ކުންފުނިތަކުގެ ސީއީއޯގެ މަޤާމުންނާއި ކާށިދޫ ދާއިރާގެ މަޖިލިސް ސެކްރެޓޭރިއަޓްގެ މަޤާމުން އިސްތިއުފާދެއްވާފައެވެ.
ރިފާއު އަލުން ޕީޕީއެމްއާއި ގުޅިވަޑައިގަތީ ރައީސް ޔާމިން ޢަބްދުލްޤައްޔޫމް މިނިވަންކުރެއްވުމުގެ މަސައްކަތުގައި ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގަތުމަށްކަމަށް އެ ބޭފުޅާ ވިދާޅުވެފައިވެއެވެ.