ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން ހަރަކާތްތެރިވި ޢަލީ ޝާހިދު(ސްޓެޕް އައްޔަ) ތައުބާވެ ފިލްމުކުޅުން ހުއްޓައިލިކަން އިޢުލާނުކޮށްފިއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑް މެރަޑޯނާ މަރުވުމުން ސްޓެޕް އައްޔަ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ފުޓްބޯޅައިގައި ހޯދި ރަންވަނައެއް ފައިދާއެއް މިހާރަކު ނުފެންނާނެކަމަށް ބުނެފައެވެ.
“މެރެޑޯނާވެސް 60 އަހަރުގައި މަރުވެއްޖެއެވެ. ފުޓުބޯޅާގައި ހޯދި އެއްވެސް ރަން ވަނައެއްގެ ފައިދާއެއް މިހާރަކު ނުފެންނާނެއެވެ. ސުވާލު ކުރައްވަން ވަޑައިގަންނަވާ މަލާއިކަތުން ކުރައްވާނީ 3 ސުވާލެކެވެ. ރައްބަކީ ކޮބާ؟ ދީނަކީ ކޮބާ؟ ރަސޫލަކީ ކޮބާ؟ ޖަވާބު ނުދެވިއްޖެނަމަ، ހަލާކުވީއެވެ.“(ސްޓެޕް އައްޔަ)
ސްޓެޕް އައްޔަގެ އެ ޕޯސްޓަށް ކޮމެންޓްކުރި މީހަކު ވަނީ އައްޔަ މަރުވުމުން އައްޔަ ގާތުގައި ވެސް އޭނާ ކުޅުނީ ކޮން ފިލްމެއްތޯއާއި ޕީޕީއެމްގެ މުޒާހަރާތަކުގައި ހަރަކާތްތެރިވެގެން ލިބެނީ ކޮން ފައިދާއެއްތޯ ނާހާނެކަމަށެވެ. މިއަށް ރިޕްލައިކުރަމުން ސްޓެޕް އައްޔަ ބުނީ ”އަހަރެން މިހާރު ތައުބާ ވެއްޖައިން“ މިހެންނެވެ.
އޭގެ ފަހުން ސްޓެޕް އައްޔަ މިރޭ ކުރި ޕޯސްޓެއްގައި ބުނީ ފިލްމީ މަސައްކަތްތަކާއި ނެށުމާއި ލަވަކިޔުން ހެއްދެވި ފަރާތަށްޓަކައި ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އަދި މި ކަމުގައި ހޭދަވި 23 އަހަރަކީ ކުރެވުނު ވަރަށް ހިތްދަތި ތަޖުރިބާއެއްކަމަށާއި މިކަމުން ލިބުނު ޙަޤީޤީ އުފަލެއް, ޙަޤީޤީ ހިތްހަމަޖެހުމެއް ނެތްކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ސްޓެޕް އައްޔަ ވަނީ މިހާރު ބޭނުންވަނީ ހެއްދެވި ފަރާތް ރުއްސަވާ އަޅެއްގެ ގޮތުގައި ޢުމުރުގެ ބާކީ ބައި ހޭދަކުރަންކަމަށް ބުނެފައެވެ. އަދި ހުރިހައި ބޭފުޅުން ވެސް މި ނިންމުމަށް އިޙްތިރާމުކުރުމަށް ވެސް ސްޓެޕް އައްޔަ ވަނީ އެދިފައެވެ.