ސްޕްރީމް ކޯޓުގެ ބެންޗު 07 އިން، 05 އަށް ބަދަލުކުރުމަށްފަހު، 02 ފަނޑިޔާރަކު ވަކިކުރަން ވޯޓުދިނުމަށް އެދި ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަޙްމަދަށް 30 މިލިއަން ރުފިޔާ، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދެއްވިކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަދީބާއި ދައުލަތާއި މެދު ހެދި ޕްލީ ބާގެއިން ސިއްރު ބަޔާނުގައި އަދީބު ވަނީ ސްޕްރީމް ކޯޓުގެ ބެންޗު 07 އިން، 05 އަށް ބަދަލުކުރުމަށްފަހު، ދެން މަސައްކަތް ފެއްޓެވީ 02 ފަނޑިޔާރަކު ވަކިކުރައްވަންކަމަށް ވިދާޅުވެފައިކަމަށް ހާމަ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
މި ގޮތުން އެ ވާހަކަ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް(މަވޯޓާ ޝަރީފް) އާއި ހިއްސާކުރެއްވުމުން އެ ކަމަށް 100 މިލިއަން ރުފިޔާއިން ނުވާނެކަމަށް ޝަރީފް ވިދާޅުވެފައިވާކަމަށް އަދީބު ދެއްވާފައިވާ ބަޔާނުގައި ވެއެވެ. އަދި އެ ވާހަކަ ރައީސް ޔާމިން ޢަބްދުލްޤައްޔޫމަށް ދަންނަވާފައިވާނެކަމަށާއި، އެ ކަން ކުރަން ކޮންމެވެސް ތަނަކުން އެ ޢަދަދު ހޯއްދެވުމަށް ރައީސް ޔާމިން އެންގެވިކަމަށް އަދީބު ވިދާޅުވިއެވެ.
އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި ވާހަކަ ދެއްކެވި ކަމަށާއި، އެހެނަސް ޤާސިމް ހުންނެވީ ފަނޑިޔާރުންގެ ޢަދަދު މަދުކުރުމުގެ ވިސްނުންފުޅުގައި ނޫންކަމަށް ވެސް އަދީބު ވިދާޅުވިއެވެ.
އެހެންކަމުން ޖުމްހޫރީ ޕާޓީގެ މެންބަރު އިލްހާމްއާއި އެ ވާހަކަ ދެއްކެވިކަމަށް ވެސް އަދީބު ވިދާޅުވެފައިވެއެވެ.
ފަނޑިޔާރުން ވަކިކުރުމަށް ޖުމްހޫރީ ޕާޓީން ވިޕެއް ނެރުމަށް އަދީބު ވިދާޅުވެފައިވާގޮތުން އިލްހާމަށް ހުށަހެޅުއްވީ 50 މިލިއަން ދެއްވުމަށެވެ. ނަމަވެސް ރައީސް ޔާމިން އެ ޢަދަދަށް އެއްބަސްވެވަޑައިނުގަތުމުން 30 މިލިއަން ރުފިޔާއަށް އެ ޢަދަދު ދަށްކުރެއްވީކަމަށް ވެސް ވެއެވެ.
އަދީބު ވިދާޅުވެފައިވާ ގޮތުން އެ ފައިސާ ހަމަކުރެއްވީ މިހާރުގެ އޭދަފުށީ ދާއިރާގެ މެންބަރު ރެޑްވޭވް އަޙްމަދު ސަލީމް އާއި ”ރޫޓް ރާއްޕެ“ އަތުންނެވެ. މިގޮތުން ސަލީމް އަތުން 20 މިލިއަން ރުފިޔާއާއި ރާއްޕެ އަތުން 10 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެ ދެ ބޭފުޅުންގެ އަތުން ނެގި ފައިސާގެ ބަދަލުގައި އެސްއޯއެފްގެ ޑޮލަރު ޗެކް ދެއްވިކަމަށް ވެސް ބަޔާނުގައި ވެއެވެ.
އަދީބުގެ ބަޔާނުގައި ވިދާޅުވީ ވޯޓު ނެގުމުގެ ކުރިން 10 މިލިއަން ރުފިޔާ އިލްހާމާއި ހަވާލުކުރެއްވި ކަމަށާއި، ވޯޓުގެ ފަހުން އެކި ފަހަރު މަތިން 20 މިލިއަން އިލްހާމާއި ހަވާލުކުރެއްވި ކަމަށެވެ.
މިގޮތުން 2015 އިގެ ޖެނުއަރީގައި އޭރުގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިންއާއި، ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދުނާނާއި ފަނޑިޔާރުކަމުން ވަނީ ވަކިކޮށްފައެވެ.