ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތެއްނެތް ކަމަށް ބުނެ، އެ މައްސަލަ މާދަމާ ހައިކޯޓަށް ހުށަހަޅަން އިދިކޮޅު ކޯލިޝަނުން ނިންމައިިފިއެވެ.
”ދި ޑެއިލީ“ އަށް މަޢުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތެއްނެތުމާއެކު އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށާއި، އެ ގޮތުން ހުށަހެޅުމަށް ކުރަންޖެހޭ ހުރިހައިކަމެއް ނިމިފައިވާ ކަމަށެވެ. އެހެންކަމުން މާދަމާ އެ މައްސަލަ ކޯޓަށް ވައްދާނެކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކޯލިޝަންގެ ޗީފް ސްޕޯކްސް ޕާރސަން ހީނާ ވަލީދު ވަނީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އެ ކޯލިޝަންގެ ކެންޑިޑޭޓުންނަށް ކެމްޕެއިންކުރުމުގެ ފުރުސަތު ސަރުކާރުން ދެމުންނުދާ ކަމަށް ވިދާޅުވެފައެވެ.
ހީނާ ވަނީ ސަރުކާރުން ކެމްޕެއިން ކުރުމަށް އަތޮޅުތެރޭގެ ރަށްރަށަށް ގޮސް ޖަލްސާތައް ބާއްވަމުންދާއިރު އިިދިކޮޅު ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްނުދޭކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން މިހާރު ވެސް ގެންދަަވަނީ ކެމްޕެއިން ކުރައްވަމުން ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
ނަމަވެސް އިދިކޮޅުކޯލިޝަންގެ ބޭފުޅުން ތިއްބެވީ ޕީޕީއެމްގެ އޮފީސްތެރޭގައި ބަންދުކޮށްފައި ކަމަށާއި، އެ ގޮތުން އެ ބޭފުޅުންނަށް ބޭރަށް ނިކުންނަވައިގެން ހަރަކާތެއް ހިންގެވޭނެ ފުރުސަތެއްނެތްކަމަށް ވެސް ހީނާ ވިދާޅުވިއެވެ. އަދި ހަމައެހެންމެ އެކަމާ ދެކޮޅަށް އަޑު އުފުލުމަށްޓަކައި މަގުމައްޗަށް ނިކުންނެވިޔަސް އިދިކޮޅުގެ މެންބަރުންނާއި ލީޑަރުން ހައްޔަރުކުރުމާއި މިފަދަ އެތައްއެތައް ކަމެއްކުރަމުން ގެންދާކަން ވެސް ހީނާ ފާހަގަކުރެއްވިއެވެ.
ކެމްޕެއިންކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށް ވެސް ޤާނޫނު އަސާސީން ލިބިދީފައިވާ ޙައްޤެއްކަމަށް ހީނާ ފާހަގަކުރައްވާފައިވާއިރު، ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ސިޔާސީ ޕާޓީ އުފައްދައި ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިގެންވާކަމަށެވެ.