ލޯކަލް ކައުންސިލް އިންތިޚާބު 2020 އާއި ގުޅިގެން ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް އަވަހަށް ނިންމަވައިދެއްވުމަށް ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު އެދިވަޑައިގެންފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ނުބޭއްވި ދިގުދެމިގެން ގޮސްފައިވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ”ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނު 2020“ އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި މިއަދު ދެއްކެވި ވާހަކައިގައި ނިޔާޒު ވިދާޅުވީ އިންތިޚާބު ބާއްވަން ހުރި ހުރަސްތަކުގެތެރޭގައި ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް ވެސް ހިމެނޭ ކަމަށެވެ.
ނިޔާޒު ވިދާޅުވީ އިންތިޚާބާއި ގުޅޭ ގޮތުން މި ވަގުތު ވެސް ކޯޓުގައި 03 މައްސަލައެއް އެބައޮތްކަމަށެވެ. މި ތިން މައްސަލައަށް މި މުއްދަތުގެތެރޭގައި ހައްލު ގެނެސްގެން އިންތިޚާބު އަވަސްކުރުމަށް ޖާގަ ހޯދުމަކީ މުހިންމުކަމެއްކަމަށާއި، ޤާނޫނުގައި ލިޔެގެން މި މައްސަލަތައް ހައްލުނުކުރެވޭނެ ކަމަށެވެ.
މިވަގުތު ކޯޓުތަކުގައި ހުރީ، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓެއްގެ ކެންޑިޑެންސީ ބާޠިލްކުރި މައްސަލައާއި، އަލުން އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލަން އެދިފައިވާ މައްސަލައާއި، ވަކި ޢަދަދަކަށް އަންހެނުންނަށް ގޮނޑި ޚާއްސަކުރި މައްސަލައެވެ.
ނިޔާޒު ވަނީ މި މައްސަލަތައް ނަގައި އިލެކްޝަން ކޮމިޝަނަށް އެއްބާރުލުންދިނުމަށް ވެސް ޕީޕީއެމްއަށް ގޮވައިލައްވާފައެވެ.
ނިޔާޒު މިހެން ވިދާޅވެފައިވާއިރު، އިންތިޚާބުގައި ކެމްޕެއިންކުރަން ހަމަހަމަ ފުރުސަތުނުދޭކަމަށް ބުނެ އެ މައްސަލަ މާދަމާ ކޯޓަށް ހުށަހަޅަން އިދިކޮޅު ޕީޕީއެމްއިން ވަނީ ނިންމާފައެވެ.