ލޯކަލް ކައުންސިލް އިންތިޚާބުގެ މުއްދަތު ކުރުކޮށްލުމަކީ މުޅި އިންތިޚާބަށް އޭގެ އަސަރުކުރާނެ ކަމެއްކަމަށާއި، އިލެކްޝަން ކޮމިޝަންއާއި މަޝްވަރާކޮށް މުއްދަތު ކުރަނުކޮށް ކުރާނެގޮތެއް ހޯދަންޖެހޭކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެެއެވެ.
”ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނު 2020“ އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ވަނީ ފަށާފައެވެ.
މި ގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައި ޝަރީފް ވިދާޅުވީ އިންތިޚާބާއި ގުޅޭ މުއްދަތުތައް ކުރުކޮށްލަން، ސަރުކާާރުން ހުށަހެޅި އިސްލާހުތަކުގައިވާ ކަމަށެވެ. އަދި އެ އިސްލާހުތަކުގެ ސަބަބުން އިންތިޚާބުގެ މިނިވަންކަމަށް އަސަރުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އިންތިޚާބު ބާއްވާއިރު، އިންތިޚާބު ބާއްވަނީ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރަންޖެހޭ ކަމަށާއި،
އިންތިޚާބުގެ މުއްދަތު ކުރުކޮށްލުމަކީ މުޅި އިންތިޚާބަށް އޭގެ އަސަރުކުރާނެ ކަމެއްކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން އިލެކްޝަން ކޮމިޝަންއާއި މަޝްވަރާކޮށް މުއްދަތު ކުރަނުކޮށް ކުރާނެގޮތެއް ހޯދަންޖެހޭކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އިސްލާހުތަކުގެ ސަބަބުން އީސީއަށް އިންތިޚާބު ބޭއްވުމަށް އޮންނަ ބާރުތައް އިތުރަށް ހަނިވެގެންދާނެ ކަމަށެވެ. އަދި ކޮންމެ ފަހަރަކު ވެސް ފެނިގެންދަނީ އިންތިޚާބުގެ ކަންކަން މަޖިލީހުގެތެރެއިން ޑިކްޓޭޓްކުރާ ކަމަށާއި، އެއާއި ޚިލާާފަށް އީސީއަށް އެކަމުގެ ފުރިހަމަ ފުރުސަތު ލިބެންޖެހޭކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.