މިދުވަސްވަރު އިންފްލުއެންޒާ އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރައްވައިފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ މިދިޔަ މަހުގެ މި މުއްދަތާ އަޅާ ބަލާއިރު މި މަހު އިންފުލެއެންޒާއަށް ޕޮޒިޓިވްވާ އަދަދާއި ޓެސްޓުކުރާ އަދަދު އިތުރުވަމުން އަންނަކަމަށެވެ. އެޗްޕީއޭއިން ވަނީ އިންޕްލުއެންޒާ އިތުރުވަމުން އަންނާތީ އެކަމަށް ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭގެ ތަފާސްވހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހާއި އަޅާބަލާއިރު މި މަހުގެ ފުރަތަމަކޮޅު އިންފްލުއެންޒާގެ މިންވަރު ވަނީ އިތުރުވެފައެވެ.
އެޗްޕީއޭ އިން ވިދާޅުވި ގޮތުގައި، ރޯގާ ޖެހިގެން ތިން ދުވަހަށްވުރެ ގިނަވާނަމަ ޑޮކްޓަރަށް ދެއްކުމަށް އެދޭ ކަމަށެވެ. އަދި އިންފްލުއެންޒާ އިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖެހުމަށްވެސް އެ އޭޖެންސީ އިލްތިމާސްކޮށްފައި ވެއެވެ.
އިންފްލުއެންޒާ ރޯގާއިން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި، ސާފުތާހިރުކަމަށް ސަމާލުކަންދީ ސައިބޯނި ލައިގެން އަތްދޮވުމަށް އާދަކުރަން ޖެހެއެވެ. އަދި އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ގިނައިން ދިޔާތަކެތި ބުއިމާއެކު، ހާލަތު އިތުރަށް ގޯސްވާނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދުން މުހިންމެވެ. ހަމަ އެހެންމެ ކެއްސައި ކިނބިހި އަޅާއިރު ނޭފަތާއި އަނގަޔާއި ނިވާ ކުރުމަކީ ބަލި ފެތުރުން ކޮންޓްރޯލް ކޮށްދޭނެ ކަމެކެވެ.
އިންފްލުއެންޒާ ވެކްސިން ޖެހޭނެ އެންމެ ޅަ އުމަރަކީ 6 މަހާއި 9 އަހަރާއި ދެމެދެވެ. އިންފުލުއެންޒާ ވައިރަސް އަކީ ކޮންމެ އަހަރަކުވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް އަންނަ ވައިރަސްއަކަށް ވުމުން ކޮންމެ ހަ މަހަކުން ވެކްސިންތަކަށްވެސް ބަދަލު ގެނެއެވެ.