ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީޢަތް ކުރިއަށްދާ ގޮތާއިބެހޭ މައުލޫމާތު ބައިނަލްއަޤްވާމީ މީޑިއާތަކަށާއި، ބޭރުގެ އެކިއެކި ފަރާތްތަކާއި ޙިއްސާކޮށްފިއެވެ.
ޕީޕީއެމް އާއި ޕީއެންސީގެ އިސް މެންބަރުންގެ އިތުރުން ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް ވަނީ ޔާމީންގެ ޝަރީޢަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ބޭރުގެ ފަރާތްތަކާއި ހިއްސާކުރުމަށް ލަންކާއަށް ވަޑައިގެންފައެވެ.
ލަންކާއަށް ވަޑައިގެންފައިވާ ޓީމްގައި ޖަމީލްގެ އިތުރުން ދެން ހިމެނެނީ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދާއި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމްގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ޙުސެއިން ޝަރީފް އެވެ.
އެ ޓީމުން ވަނީ މިއަދު ހެނދުނު ބޭރުގެ މީޑިއާތަކަށް މަޢުލޫމާތު ދިނުމަށް ޚާއްސަ ޕްރެސް ކޮންފަރެންސެއް ބާއްވާފައިކަމަށް ޕީޕީއެމް އިން ބުނެއެވެ. އަދި ބައިނަލްއަޤުވާމީ އެކި ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.
މި ޓީމުންވަނީ ރާއްޖޭގެ ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށާއި، ޖުޑިޝަރީ ހައިޖެކްކޮށް، ނުޙައްޤުން ރައީސް ޔާމީން ޖަލަށްލުމަށްޓަކައި މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޟީ ހައިލަމް، ޙުކުމް އިއްވުމަށް 5 ގަޑިއިރަށްވެފައި ވަނިކޮށް ސަސްޕެންޑް ކުރުމާއި، އަދި އޭގެ ފަހުން ހައިލަމް ނެރުއްވި ބަޔާނުގައި ސަރުކާރުގެ އެކި ލެވެލްތަކުން ރައީސް ޔާމީނަށް ޙުކުމް އަންނާނެކަން ކަށަވަރު ކުރުމަށް މަސައްކަތްކޮށް ނުފޫޒު ފޯރުވި ކަމަށް ބުނެފައިވާތީ މިކަންކަމުގެ ސަބަބުން ރައީސް ޔާމީނަށް އިންސާފުވެރި ޝަރީޢަތެއް ނުލިބޭނެ ކަމުގެ ކަންބޮޑުވުން ޙިއްސާ ކުރައްވާފައި ކަމަށް ޕީޕީއެމް އިން ބުނެއެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޙުކުމް އިއްވަން އޮތް ދުވަހު ގާޞީ ސަސްޕެންޑް ކުރުމުން އެދުވަހު މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ. މިހާރު ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ ޝަރީޢަތް ނޮވެމްބަރ 17 ވަނަ ދުވަހަށް ތާވަލް ކޮށްފައެވެ.