އަފްޣާނިސްތާނުގެ އިރުމަތީގެ ނަންގަހާރް ޕްރޮވިންސްގައި އިއްޔެގެ ހުކުރު ވަގުތު މިސްކިތުގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 62 އަށް އަރައިފި އެވެ.
ބޮމުގެ ހަމަލާގެ ބާރުގަދަވުމުގެ ސަބަބުން މިސްކިތުގެ ފުރާޅު ވެސް ވަނީ ހަލާކުވެފަ އެވެ. ބޮމުގެ ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އަދި އުފުލައިފައެއް ނުވެ އެވެ. ތާލިބާނުން ބުނެފައި ވަނީ އެއީ އެ މީހުން ދިން ހަމަލާއެއް ނޫން ކަމަށް ބުނެފަ އެވެ.
ޕްރޮވިންސްގެ ގަވަރުނަރުގެ ތަރުޖަމާން އަތާއުﷲ ޚޯގްޔާނީ ވިދާޅުވީ ހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު 36 އަށް އަރާ ކަމަށެވެ.
“އެއީ ހިތް ހަލާކުވާފަދަ މަންޒަރެއް،” ހަމަލާގެ މަންޒަރު ދުށް މީހެއް ކަމަށްވާ މާލިކް މުހައްމަދު ގުލް ޝިންވާރީ ބުންޏެވެ.
މިސްކިތުގައި ބޮމުގެ ހަމަލާ ދިން އިރު އދ. އިން ބުނެފައި ވަނީ މިދިޔަ ޖުލައިން ސެޕްޓެމްބަރުގެ ނިޔަލަށް އަފްޣާނިސްތާނުގައި ދިން ހަމަލާތަކުގައި އާއްމުންގެ 1،174 މީހުން މަރުވެފައިވާ ކަމަށެވެ.