ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަޖޭ ދޭވްގަން އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފުވި ފިލްމު ”ޕޫލް އޯރް ކާންޓޭ“ ގެ ރިމެކެއް ހަދަން ނިންމައިފި އެވެ.
ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ 30 އަހަރުވުމާ ދިމާކޮށް، 50 އަހަރުގެ އެކްޓަރު ފިލްމުފެއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ 1991 ގައި ރިލީޒްކުރި ”ޕޫލް އޯރް ކާންޓޭ“ އަލުން ހަދާނީ ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ގޮތަށް ކަމަށެވެ. އަދި އޭނާއާ އެކު އެ ފިލްމު ޕްރޮޑިއުސްކުރާނެ މީހަކު ހޯދަމުން އަންނަ ކަމަށް ވެސް އަޖޭ ބުންޏެވެ.
ދިނޭޝް ބީ ޕަޓޭލް ޕްރޮޑިއުސްކޮށް، ސަންދޭޝް ކޯލީ ޑައިރެކްޓްކުރި ފިލްމުގައި އަޖޭއާ އެކު ބަތަލާގެ ރޯލް ކުޅުނީ މަދޫ އެވެ. ”ޕޫލް އޯރް ކާންޓޭ“ އަކީ އެ ފިލްމު ރިލީޒްކުރި ދުވަސްވަރު ވަރަށް މަޝްހޫރުވި ކާމިޔާބު ފިލްމެކެވެ.
އެގޮތުން ފިލްމުގެ ލަވަތަކާއި ފަހުން އަޖޭގެ ކެރިއަރުގެ ސިގްނޭޗާ މަންޒަރެއްގެ ގޮތުގައި ބައެއް ފިލްމުތަކުގައި ހިނަމާފައިވާ ދުއްވަމުންދާ ދެ ސައިކަލެއްގެ މަތީގައި އޭނާ ކޮއްޅަށް ހުންނަ މަންޒަރަކީ ވަރަށް ފާހަކޮށްލެވޭ ކަންކަމެވެ.
އަޖޭ ބުނިގޮތުގައި ”ޕޫލް އޯރް ކާންޓޭ“ އަލުން ހަދާނީ އާ ކާސްޓެއް ހިމަނައިގެންނެވެ.
”މި ޒަމާނަށް ފެތޭ ބައެއް ބަދަލުތަކާ އެކު ފިލްމު ހަދާނީ. އެކަމަކު ފިލްމުގެ މައިގަނޑު ޕްލޮޓް ހަމަ އެއްގޮތްވާނެ،“ އޭނާ ބުންޏެވެ.
ނަމަވެސް ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަޖޭ ނުދެ އެވެ.
ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އަބަދު ވެސް ހުރިހާ ވައްތަރެއްގެ ރޯލްތަކެއް ކުޅެން ފައްކާ އެކްޓަރެއްގެ ގޮތުގައި ފާހަގަކުރެވޭ އަޖޭގެ ފިލްމީ ކެރިއަރަށް 30 އަހަރުވުމާ ގުޅިގެން ވަރަށް ގިނަ ފަންނާނުން ޓްވިޓާގައި އޭނާ އަށް މަރުހަބާކިޔާފައިވެ އެވެ. އޭގެ ތެރޭގައި ޝާހްރުކް ޚާން، އަބީޝެކް ބައްޗަން، ރިތޭޝް ދޭޝްމުކް، ތުޝާރު ކަޕޫރް، އަރުޝަދު ވަރްސީ ފަދަ ތަރިން ހިމެނެ އެވެ.
މީގެ އިތުރުން އަންހެނުން އަދި ބަތަލާ ކާޖޮލް ވެސް އަޖޭ އަށް މަރުހަބާކިޔައި ހާއްސަ ޓްވީޓެއްކޮށްފައިވެ އެވެ.
އަޖޭގެ ކުރިއަށް އޮތް ފިލްމަކީ ކެރިއަރުގެ 100 ވަނަ ފިލްމެވެ. އެއީ އަންނަ އަހަރުގެ ޖެނުއަރީ 10 ގައި ރިލީޒްކުރާ ”ތާނަޖީ: ދި އަންސަންގް ވޮރިއާ“ އެވެ. ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި ”މައިދާން“، ”ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ“ އަދި ”އާރްއާރްއާރް“ ފާހަގަކޮށްލެވެ އެވެ.
އަޖޭ އަކީ އެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއް/ޑައިރެކްޓަރެއް ވެސް މެ އެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2016 ގެ ”ޝިވާއޭ“ އެވެ.