ރިއަލިޓީ ޝޯ ”ބިގް ބޮސް“ ސީޒަން 13 އިން އަނެއްކާ ވެސް ބައިވެރިއަކު ގެއިން ބޭރުކޮށްލުމަށް ފަހު، އާ ބައިވެރިކަށް ފުރުސަތު ދީފި އެވެ.
ޝޯގެ ހޯސްޓް ސަލްމާން ޚާނާ އެކު މި ހަފުތާގެ ”ވީކެންޑް ކާ ވާރު“ ގެ ހޮނިހިރު ދުވަހުގެ ރޭގެ އެޕިސޯޑްގައި ބެލުންތެރިންގެ އެންމެ މަދު ވޯޓް ލިބުގެން ގެއިން ބޭރުކޮށްލީ ޝޯ ކާމިޔާބުކޮށްފައި ނޫނީ ގެއިން ނުނިކުންނާނެ ކަމަށް ބުނި ޕޮލިޓިކަލް އެނިލިސްޓް ތަހްސީން ޕޫނަވާލާ އެވެ. އޭނާ ގެއިން ބޭރުކޮށްލީ ގެއަށް ވަންތާ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގަ އެވެ.
ތެހްސީން ނެރުލުމަށް ފަހު ވައިލްޑް ކާޑް އެންޓްރީގެ ދަށުން އާދީއްތަ ދުވަހުގެ ރޭ ”ބިގް ބޮސް“ ގެ އަށް ވެއްދީ ވިޝާލް އަދިތިޔާ ސިންގެވެ. އޭނާ އަކީ ސަލްމާން ޕްރޮޑިއުސްކޮށް، ސްޓާ ޕްލަސް އިން ދާދި ފަހުން ނިންމައިލި ޑާންސް ޝޯ ”ނަޗް ބަލިޔޭ“ ސީޒަން ނުވައެއްގެ ތިން ވަނަ ހޯދި ފަންނާނެކެވެ.
ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ސިލްސިލާ ”ކުލްފީ ކުމާރު ބަޖީވާލާ“ ގައި ވެސް ވިޝާލް، 31، ރޯލެއް ކުޅެފައިވެ އެވެ.
އޭނާ ”ބިގް ބޮސް“ ޝޯއާ ގުޅި، ގެއަށް ވަނުމާ އެކު މިހާރު ވަނީ ދެ ބަޔަކަށް ބެހިފައިވާ ޝޯގެ ބައިވެރިންގެ ކޭމްޕްގެ ތެރެއިން، ޕާރަސް ޗާބްރާ އިސްކޮށް ހުންނަ ކެމްޕާ ގުޅިފަ އެވެ.
”ބިގް ބޮސް“ ސީޒަން 13 ގައި މިހާރު ތިބި ބައިވެރިންނަނީ ޕާރަސް، ވިޝާލް، ސިދާތު ޝުކްލާ، ހިންދުސްތާނީ ބައު، އާސިމް ރިއާޒް، އަރްހާން ޚާން، ޚޭސަރީ ލާލް ޔާދަވް، ޝެހެނާޒް ގިލް (ސަނާ)، ހިމާންޝީ ކުރާނީ، ޑެވޮލީނާ ބަޓަޗަރްޖީ (ގޯޕީ ބަހޫ)، ރަޝްމީ ދެސާއީ، ޝެފާލީ ޒަރީވާލާ (ކާންޓާ ލަގާ)، އާރުތީ ސިންގް އަދި މާހިރާ ޚާނެވެ.