ގާހިރާ (ނޮވެމްބަރު 13) – އެފްރިކަން ކަޕް އޮފް ނޭޝަންސް ކޮލިފައިންގައި ކުރިއަށް އޮތް ދެ މެޗަށް މިސްރުން ނެގި ސްކޮޑުން ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު އަނިޔާގެ ސަބަބުން ބާކީކޮށްފި އެވެ.
ކޮލިފައިންގައި މިސްރުން ދެން ނުކުންނާނީ ކެންޔާ އާއި ކޮމޮރޯސްއާ ދެކޮޅަށެވެ. އެ ދެ މެޗަށް ނެގި ސްކޮޑުގައި އެންމެ ފުރަތަމަ ސަލާހުގެ ނަން ހިމެނި އެވެ. އެކަމަކު ފަހުން ސަލާހުގެ މެޑިކަލް ޓެސްޓުތަކަށް ބެލުމަށް ފަހު އޭނާ ބާކީކުރަން ނިންމީ އެވެ.
އުމުރުން 27 އަހަރުގެ ސަލާހުގެ ފައިގެ ކުޑަހުޅަށް އެންމެ ފުރަތަމަ އަނިޔާވީ މިދިޔަ މަހު ހަ ވަނަ ދުވަހު ލިވަޕޫލުން އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ އަތުން 2-1 އިން މޮޅުވި މެޗުގަ އެވެ. އެ މެޗަށް ފަހު ކުޅުމަށް އެނބުރި އައިސް ސަލާހަށް އެންމެ ރަނގަޅު ކުޅުމެއް ދައްކަން އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. ސަލާހުގެ ކުޑަހުޅަށް އަނެއްކާ އަނިޔާވީ މިދިޔަ އާދިއްތަ ދުވަހު މެންޗެސްޓާ ސިޓީ އަތުން 3-1 އިން ލިވަޕޫލް މޮޅުވި މެޗުގަ އެވެ. އެ މެޗުގައި ސަލާހު ގޯލެއް ޖެހިއިރު، މެޗުގެ ފަހު ކޮޅުގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ.
މިސްރުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ލިވަޕޫލުން ސަލާހުގެ ބޭނުންކުރަން ފެށީ އޭނާ އެއްކޮށް ފިޓްނުވެ ހުއްޓަ އެވެ. އަލުން އެއް އަނިޔާއެއް އެހާ އަވަހަށް ތަކުރާރުވީ އެހެންވެ ކަމަށް މިސްރު ޓީމުގެ ޑޮކްޓަރާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ. އެކަމަކު ސަލާހުގެ އޭޖެންޓް ރަމީ އައްބާސް ބުނީ ލިވަޕޫލުން ސަލާހު އަލުން ކުޅެން ނެރުނީ މެޑިކަލީ ބަލަންޖެހޭ ހުރިހާ ކަމަކަށް ބަލައި 100 ޕަސެންޓް ފިޓްކަމަށް ލިވަޕޫލްގެ މެޑިކަލް ޑިޕާޓްމަންޓުން އެންގުމުން ކަމަށެވެ.
ބައިނަލްއަގުވާމީ މެޗުތަކަށް ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، އަލުން ލީގުގެ މެޗުތައް ފަށާނީ މި މަހު 23 ވަނަ ދުވަހު އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑަކާ އެކު ލިވަޕޫލް އޮތްއިރު، ލީގު އަލުން ފަށާއިރު އެ ޓީމު ނުކުންނާނީ ރަށުންބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ.