އައިޖީއެމްއެޗަށް ވިހެއުމުގެ ތެރޭގައި ރޭ މަރުވީ ދެކުދިން ކަމަށާއި، އެކުދިންގެ މަރުގެ ތަފްސީލު އާއިލާތަކުން ބޭނުންނަމަ ހިއްސާކުރާނެ ކަމަށް އައިޖީއެމްއެޗުން ބުނެފައެވެ.
އައިޖީއެމްއެޗުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިއްޔެ އެ ހޮސްޕިޓަލުން ވިހެއުމުގެ ތެރޭގައި މަރުވެފައިވަނީ ދެކުދިން ކަމަށެވެ. އަދި އެ ދެކުދިންވެސް މަރުވެފައިވަނީ ވިހެއުމުގެ ކުރިން ކަމަށްވެސް އައިޖިއެމްއެޗުން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ. މީގެ ކުރިން މީސް މީޑީޔާތަކުގައި އިއްޔެ އެ ހޮސްޕިޓަލަށް ވިހޭ ތިން ކުއްޖެއް ނިޔާވި ކަމަށް ވަނީ އަޑުފެތުރިފައެވެ. އަދި ”އަވަސް“ އަށް އައިޖީއެމްއެޗުގެ މީޑީޔާ އޮފިޝަލުން ދިން އިންޓަވިޔުއެއްގައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އެއް ކުއްޖަކު، އަދި ރޭގެ ވަގުތެއްގައި ދެކުއްޖަކު މަރުވި ކަމަށް ވިދާޅުވެފައެވެ.
އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ މީގެ ކުރިންވެސް ވިހެއުމުގެ ތެރޭގައި މަރުވެފައިވާ ކުދިންގެ މަރުތައް އެ ހޮސްޕިޓަލުން ވާނީ ތަހުގީގުކޮށްފައި ކަމަށެވެ. އަދި ހެލްތް މިނިސްޓްރީގެ ކަމާބެހޭ އުސޫލުތަކުގެ ދަށުން ބަލާފައިވެސް ވާނެކަމަށެވެ.
އައިޖީއެމްއެޗްގެ ލޭބާރޫމުގައި ބޭނުންކުރާ ބައެއް މެޝިންތައް ”ހަލާކުވެފައި“ ވާ ކަމަށް މީސްމީޑިއާގައި ދަނީ އަޑުފެތުރެމުންނެވެ. މި ތިން ކުދިންނާއި އެކ،ު މިމަހުގެ ތެރޭގައި މިހާތަނަށް ވިހެއުމުގައި ނިޔާވި ކުދިންގެ އަދަދު މިވަނީ އަށަކަށް އަރާފައެވެ.