އަމިއްލަ ދަނޑުގައި ގުއާމް 3-1 އިން ބަލިކޮށް ރާއްޖޭން އޭޝިއަން ކަޕް ކޮލިފައިންގެ ތިން ވަނަ ބުރުން ސީދާ ޖާގައެއް ހޯދުމުގެ އުއްމީދު މިއަދު އާކޮށްފި އެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ދެ އަހަރު ތެރޭ ގައުމީ ޖާޒީގައި އަމިއްލަ ދަނޑުގައި ފުރަތަމަ ލަނޑު ޖެހި މި މެޗުން ލިބުނު މޮޅާ އެކު ރާއްޖެ މިވަނީ ހަތަރު ވަނައިގައި ހަ ޕޮއިންޓް ހަމަކޮށްފަ އެވެ. ތާވަލުގެ ތިން ވަނައިގައި އޮތް ފިލިޕީންސް އަތުގައި އޮތީ ހަތް ޕޮއިންޓެވެ. އެކަމަކު މިރޭ ސީރިއާއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު ތަފާތު ބޮޑުކޮށްލަން އެ ޓީމަށް ފުރުސަތު އެބައޮތެވެ. އެއް ވަނައިގައި 12 ޕޮއިންޓާ އެކު ސީރިއާ އޮތްއިރު ދެ ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ ޗައިނާ އެވެ.
ރާއްޖޭން ކޮލިފައިންގައި ކުޅުނު ފަސް މެޗުގެ ތެރެއިން މި މޮޅުވެވުނީ ރަށުން ބޭރުގައި އަދި އަމިއްލަ ދަނޑުގައި ގުއާމާ ދެކޮޅަށް ކުޅުނު މެޗުތަކުންނެވެ. ޗައިނާ، ސީރިއާ އަދި ފިލިޕީންސް އަތުން ބަލިވީ އެވެ. ދެން އޮތީ އަންނަ އަހަރު، ރަށުން ބޭރުގައި ޗައިނާ އާއި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗާއި މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.
ގްރޫޕުގެ އެއް ވަނަ ޓީމަށް އޭޝިއަން ކަޕުން ސީދާ ޖާގައެއް ލިބޭއިރު ދެ ވަނަ ޓީމަށް ފަހަރުގައި އޭޝިއަން ކަޕުން ނުވަތަ ދަށްވެގެން ކޮލިފައިންގެ ތިން ވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ. ގްރޫޕުގެ ތިން ވަނަ ޓީމަށް ތިން ވަނަ ބުރުން ސީދާ ޖާގައެއް ލިބޭނެ އެވެ. ގްރޫޕުގެ ހަތަރު ޓީމަށް ފަހަރުގައި ތިން ވަނަ ބުރުން ނުވަތަ ދަށް ވެގެން ތިން ވަނަ ބުރުގެ ޕްލޭއޮފުން ފުރުސަތު އޮންނާނެ އެވެ. އެންމެ ފުލަށް ދާ ޓީމެއް ޖެހޭނީ ޕްލޭ އޮފުގައި ކުޅޭށެވެ. ޕްލޭއޮފުން މޮޅުވެއްޖެ ނަމަ ތިން ވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ. އެނޫނީ ޖެހޭނީ ވަކިވާށެވެ.
ރާއްޖޭން މިއަދުގެ މެޗު ފެށީ ދަގަނޑޭގެ އިތުރުން އަހުމަދު ރިޒްވާން (ރިޒޭ) އާއި ނާއިޒް ހަސަން (ދާދު) ފުރަތަމަ އެގާރައިގައި ހިމަނައި ވަރުގަދަ އެޓޭކިން ލައިނަކާ އެކު އެވެ. އެކަމަކު މެދުތެރެއިން އަވަސް އަރުވާލައިގެން ކުރިއަށް ބޯޅަ ފޯރުކޮށްދޭން އުޅުމުން މެދުތެރޭގައި ބޯޅަ ނުހިފެހެއްޓި ގުއާމުން ދިޔައީ އޭގެ ފައިދާ ނަގައި ފުރުސަތު ހޯދަމުންނެވެ.
އެކަމަކު ރާއްޖޭން ވަނީ 23 ވަނަ މިނެޓުގައި ސަމޫހު އަލީ (ސަމުއްޓެ) ގެ ގޯލުން ލީޑު ނަގައިފަ އެވެ. ދަގަނޑޭ ކޯނަރަކުން ހުރަސްކުރި ބޯޅަ ހުހަށް ފުންމައިގެން އަރައި އޭނާ ބޮލުން ބޯޅަ ގޯލަށް ވައްދާލީ އެވެ. އެ ގޯލަށް ފަހު އިރުކޮޅެއް ތެރޭގައި އޭނާގެ ކުޑަހުޅަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުނީ އެވެ.
ރާއްޖޭގެ ދެ ވަނަ ގޯލުގެ މޭސްތިރިއަކީ، ސަމުއްޓެގެ ބަދަލުގައި އެރި ހައިޝަމް ހަސަނެވެ. ގޯލް ކުރިމަތީ ހުހަށް ހުރި ދަގަނޑޭ އަށް ދޭން އޭނާ އަރިމަތިން ހުރަސްކުރި ބޯޅަ ގުއާމްގެ ޓްރަވިސް ނިކޮލާ ދިފާއުކުރި ވަގުތު އަތުގައި ޖެހި ބައިކޮޅަށް ގޯލަށް ވަނީ އެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅު ދަގަނޑޭ ވަނީ ރަނުގެ ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. އޭނާ މެދުތެރެއިން ބޯޅަ ހިފައިގެން އަރައި ގުއާމްގެ ދެ ކުޅުންތެރިން ކައިރިން ދެމި ގަނެ ޖައްސާލީ ދާދު އަށެވެ. އޭނާ އެ ބޯޅަ ދަގަނޑޭ ހުސްވި ވަގުތު އަލުން ދިނެވެ. އެކަމަކު ދަގަނޑޭ ޖެހުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
ރާއްޖެ ރަނގަޅު ލީޑެއްގައި އޮވެ ދެ ވަނަ ހާފް ފެށި ނަމަވެސް ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ގުއާމުން ލަނޑެއް ޖަހައި ތަފާތުކުޑަކުރި އެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ރާއްޖޭގެ ތިން ޑިފެންޑަރުން ސަމާލުވެގެން ތިއްބާ ބޮލުން ގޯލުގެ ދުރު ކަނަށް ވައްދާލީ ގުއާމްގެ ޖޯން މަޓްކިން އެވެ.
މި ގޯލަށް ފަހު ގުއާމްގެ ކުޅުން ލަސްކޮށްލި އެވެ. އެއާ އެކު ރާއްޖެ އަށް މެދުތެރޭގެ ކޮންޓްރޯލް ލިބި އަނެއްކާ ވެސް ނުރައްކާކުރަން ފެށި އެވެ. އެގޮތުން ކައުންޓާ އެޓޭކެއްގައި ދަގަނޑޭ ދިން ބޯޅައަކުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ނުރައްކާކުރިއިރު ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައަކުން ރިޒޭ ވެސް ނުރައްކާތެރި ބޯޅައެއް ފޮނުވާލި އެވެ.
އެގޮތުގައި ގޮސް މެޗުގެ ފަހު ބަޔަށް އެޅުނުއިރު ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރުބަލިކަމެވެ. އޭގެ ފައިދާ ނަގައި ގުއާމުން ކުރިއަށް ޖެހި ލަނޑެއް ޖެހޭތޯ މަސައްކަތްކުރި އެވެ. އަރިމަތިން ހުރަސްކުރި ބޯޅައެއް އޭރިއާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔަކު ބޮލުން ފޮނުވާލުމުން ސަލާމަތްކުރީ ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލެވެ.
އެ ވަގުތު ކައުންޓާ އެޓޭކުގައި ރާއްޖޭން އުފެއްދި ފުރުސަތެއްގައި ތިން ވަނަ ގޯލް ޖަހައި ރާއްޖޭން ތިން ޕޮއިންޓް ކަށަވަރުކުރި އެވެ. ދަގަނޑޭ ކުރިއަށް އެރި ބޯޅަ އޭނާ އަށް އަތުނުވެ ގުއާމްގެ ގޯލްކީޕަރަށް ލިބުމުން އޭނާ ކުރިއަށް ފޮނުވާލުމުން ދަގަނޑޭގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެ ގޯލަށް ވަނީ އެވެ. ގައުމީ ކޯޗު ޕީޓާ ސެގާޓް، ދަގަނޑޭ އަށް ދޮޅު އަހަރަށް ފަހު ފުރުސަތު ދިން ފަހުން ކުޅުނު ހަތަރު މެޗުގައި އޭނާ މި ވަނީ ދެ ގޯލް ޖަހައި ދެ ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ. އެ ތިން މެޗުގެ ތެރެއިން އޭނާ އަށް 90 މިނެޓް ހަމަކުރަން ފުރުސަތު ލިބުނީ މިއަދުގެ މެޗުގަ އެވެ. ޗައިނާ މެޗާއި ފިލިޕީންސް މެޗުގެ ފުރަތަމަ ހާފުގައި ކުޅުނުއިރު ސީރިއާ މެޗުގައި އެރުވީ ދެ ވަނަ ހާފުގަ އެވެ.