ސިފައިންނާއި ފުލުހުން އަނދިރި ދައުލަތަށް ބައިއަތު ހިފާފައިވާ ކަމަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ސެމިނާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކުޑަކުދިންނާއި ގުޅިގެން އެކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކިތަންމެ ގާނޫނެއް ވެސް ފާސްކުރެވިދާނެ ކަމަށާއި ނަމަވެސް މިހާރު މިއުޅެނީ ގާނޫނެއް ނެތިގެން ނޫން ކަމަށެވެ.
ކުޑަކުދިންނާ މެދުގައި އަމަލު ކުރާނެ ގޮތާ މެދުގައި ދިވެހިންގެ ތެރެއަށް ވަކި ފަލްސަފާއެއް ފެތުރެން ފަށާފައިވާ ކަމަށާއި ދިވެހިންގެ ދިރިއުޅުމުގެ ގޮތް ބަދަލު ކުރަން ބަޔަކު މަސައްކަތް ކުރާ ކަމަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ އަމަން ބަލަހައްޓަވަން ތިއްބަވާ ބޭފުޅުން، އަޅުގަނޑުމެންގެ އާންމު މަސްލަހަތު ބަލަހައްޓަން ތިއްބަވާ ބޭފުޅުން، މި މައްސަލަތައް ނުބައްލަވާ ދޫކޮށްލައްވަނީ އެބޭފުޅުންއެ އަނެއް ފަލްސަފާއަށް ލެނބެން ފަށައި، އަނދިރި ދައުލަތަށް ބައިއަތު ހިފައިފި. އަޅުގަނޑުމެންގެ ރާއްޖެ އަޅުގަނޑުމެން ސަލާމަތް ކުރަން މިއަދު އެދެނީ ނަމަ މި ނިދިން އަޅުގަނޑުމެން ތެދުވާން ވެއްޖެ، ހޭލާން ވެއްޖެ“ ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ގާނޫނުތައް ކޮންމެހެން ނުދެމެހެއްޓިޔަސް ރަނގަޅު ކަމެއް ކަމަށް ދެކޭ މީހުންވެސް ދިވެހިންގެ ތެރޭގައި މިހާރު އެބަތިބި ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ދިވެހިންގެ ވިސްނުމަށް އެފަދަ ބަދަލެއް އައީ ދިފާއީ ބާރުގެ ތެރޭގައި ފަރުވާ ކުޑަކަމާއި އަޅާނުލުމުގެ ސަބަބުން ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.
”އަޅުގަނޑުމެންގެ ފުލުހުންގެ ތެރޭގައި ދިފާއީ ބާރުގެ ތެރޭގައި ފަރުވާކުޑަކަން، އަޅާ ނުލާކަން، ވަރިހަމަކަން މި އާންމުވެގެން މި ދަނީ މި ވިސްނުމަށް އައި ބަދަލެއްގެ ސަބަބުން“ ނަޝީދު ވިދާޅުވިއެވެ.
އަދި އަލަށް ފެތުރެމުންދާ ފަލްސަފާގެ މަގުން ރައްޔިތުން އެދޭ ބަދަލެއް، ރައްޔިތުން އެދޭ ތަރައްގީއެއް، ރައްޔިތުން އެދޭ ހަމަޖެހުމެއް ނުހޯދޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.