އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ 23 މެމްބަރަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެއްޖެއެވެ.
މިކަން އިއުލާންކޮށްފައިވަނީ އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ޑެޕިއުޓީ ސްޕީކާ އަބްދުލްރެޒާ މެސްރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އިރާނުގެ ގާނޫނު ހަދާ މަޖިލީހުގައި 290 މެމްބަރުން ތިބެއެވެ.
23 މެމްބަރަކު ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ބޭއްވުން ވެސް ވަނީ މެދުކަނޑާލާފައެވެ.
ކޮރޯނާ ވައިރަސް އިރާނުގެ ބައެއް ސަރަހައްދުތަކުގައި ފެތުރިފައިވާއިރު، އެގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންތަކަކަށް ވަނީ މި ބަލި ޖެހި އަދި މަރުވެސް ވެފައެވެ. މި ބަލި ޖެހިފައިވާ ފަރާތްތަކުގެ ތެރޭގައި އިރާނުގެ ނައިބު ރައީސް މައުސޫމް އެބްތެކާރް އާއި އިރާނުގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު އަދި ވައިރަހާ ގުޅިގެން އުފައްދާފައިވާ ޓާސްކު ފޯހުގެ އެންމެ އިސްވެރިޔާ އިރާޖް ހަރިރްޗީ ހިމެނެއެވެ.
އަދި މި ބަލީގައި މަރުވި އިސް ފަރާތްތަކުގެ ތެރޭގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ މުޝީރަކު ހިމެނެއެވެ.
މިހާތަނަށް މި ބައްޔަށް އިރާނުން 2،336 މީހުން ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި 77 މީހަކު ވަނީ އެގައުމުން މަރުވެފައެވެ.