މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހެކިން ހެކިބަސް ދީފައިވަނީ ދުރާލާ ރާވައިގެން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.
އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ޔާމީންގެ ފަރާތްޕުޅުން ހުށަހަޅަން ބޭނުންވާ ހުރިހާ އިސްތިއުނާފީ ނުކުތާތަކެއް ހުށަހަޅާ ނިންމާލާފައެވެ.
މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންނަށް ވަކި ގޮތަކަށް ހެކި ބަސް ދިނުމަށް އަންގައި އެކަން ރާވާފައިވާ ކަމަށެވެ. އަދި ވަގުތުން ލައިވްކޮށް ދައްކަމުން ދިޔަ ޝަރީއަތުގެ މަޖިލީހެއްގައި އެއް ހެކިވެރިޔަކު ދައްކާ ވާހަކަ އަނެއް ހެކިވެރިޔަކަށް އެނގި އެއާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ހެކިންނަށް ލިބިގެންދިޔަ ކަމަށްވެސް ޝިޔާޒު ވިދާޅުވިއެވެ.
ޔާމީނާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވި ބޭފުޅުންގެ ތެރޭގައި އެމަނިކުފާނުގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓާރ އަބްދުﷲ ޒިޔަތާއި އޭސީސީގެ އޭރުގެ ރައީސް މުއައްވިޒު ރަޝީދު ހިމެނެއެވެ.
ޔާމީންގެ ވަކީލު ވިދާޅުވީ ވޮޑަމުލާގެ ފައިސާ ހޯދުމަށް ޔާމީން ގުޅުއްވިކަމަށް ޒިޔަތު ކޯޓުގައި ދީފައިވާ ހެކިބަސް ފިޔަވާ އެހެން އެއްވެސް ހެއްކެއް ނެތް ކަމަށާއި ޒިޔަތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހަކަށްވާތީ، އޭނާގެ ހެކިބަހަކީ ގަބޫލު ކުރެވޭނެ ހެކިބަހެއް ނޫން ކަމަށެވެ.
ޔާމީންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ނިންމާލަމުން ވަކީލު ވަނީ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ބާޠިލު ހުކުމެއް ކަމަށް ކަނޑައަޅާ ދެއްވުމަށް އެދިފައެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.