ދެ ވަނަ ޑިވިޝަނުގައި ސުޕަ ސްޕޯޓްސް ޔުނައިޓެޑުގައި މޮޅު ކުޅުމެއް ދެއްކުމުން ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ވެސް ޖާގަ ލިބިފައިވާ ފޯވާޑް އާދަމް ނިޒާމް (ކިތުނާ) އަށް އޭއެފްސީ ކަޕުގައި ކުޅެން މާޒިޔާ އިން ފުރުސަތު ދީފި އެވެ.
ކިތުނާ އަށް ގައުމީ ޓީމުން ވެސް އަދި މާޒިޔާ އިން ވެސް ފުރުސަތު މިދިނީ އެ ދެ ޓީމުގެ ވެސް މުހިއްމު ފޯވާޑް އަސަދުﷲ އަބްދުﷲ އަށް އަނިޔާވުމުން ބަދަލުގަ އެވެ.
މިއީ މިހާތަނަށް ބައިނަލްއަގްވާމީ މެޗެއް ކުޅެފައިނުވާ އުމުރުން 32 އަހަރުގެ ފޯވާޑަށް ލިބުނު ރަނުގެ ފުރުސަތެކެވެ. އަދި މިއީ ގަވާއިދުން ޕްރެކްޓިސްކޮށްގެން ފުރަތަމަ ޑިވިޝަނުގެ ޓީމަކަށް އޭނާ ރަސްމީކޮށް ކުޅޭނެ ފުރަތަމަ ފަހަރަށް ވާނެ އެވެ.
ސޮނެވާފުށި ރިޒޯޓުގައި ވަޒީފާއަދާކުރާތީ ކިތުނާ، ދެ ވަނަ ޑިވިޝަނުގައި ކުޅުނީ ވެސް ޕްރެކްޓިސް ނުކޮށް ހަމައެކަނި މެޗަށް ހާޒިރުވާ ގޮތަށެވެ. އެކަމަކު އޭނާ މި ވަގުތު ހުރީ ގައުމީ ޓީމަށް ދެ މަސް ދުވަހަށް ވީއްލާފައިކަމަށްވާތީ، މާޒިޔާއާ އެކު ގަވާއިދުން ޕްރެކްޓިސް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އެކަމަކު އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖް ޖޫން މަހާ ހަމަޔަށް އޮންނާނެތީވެ، އެ ދެ މަސް ހަމަވުމުން ކިތުނާ ޖެހޭނީ ގޮތެއް ހޯދާށެވެ. ޗުއްޓީ ނަގައިގެން ވިޔަސް ނުވަތަ އެހެން އިންތިޒާމެއް ހަމަޖައްސައިގެން ވެސް އޭނާ އޭގެ ބޭނުން ހިފާނެ އެވެ.
އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ސްކޮޑުގައި ކިތުނާގެ ނަން މާޒިޔާ އިން ޖެހި ނަމަވެސް ރާއްޖޭގެ ލޯކަލް ޓްރާންސްފާ ބާޒާރު މިވަގުތު ހުޅުވިފައި ނެތުމުން ސީޒަނުގައި ބާކީ އޮތް އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގައި ކިތުނާ އަށް ނުކުޅެވޭނެ އެވެ.
ކިތުނާ ބުނީ އޭއެފްސީ ކަޕުގައި ކުޅެލަން މާޒިޔާ އިން މިދިނީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި އެކަމާ ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. އަނެއްކޮޅުން މީގެ ސަބަބުން، އޭއެފްސީ ކަޕާއި އެފްއޭ ކަޕުގެ މެޗުތަކަށް ގައުމީ ޓީމުގެ ޕްރެކްޓިސް މެދުކަނޑާލާފައި އޮންނަ ދުވަސްކޮޅު ވެސް ފުރަތަމަ ޑިވިޝަނުގެ ޓީމަކާ އެކު ގަވާއިދުން ޕްރެކްޓިސް ކުރެވޭނެ ފުރުސަތު ވެސް ރަސްމީކޮށް ލިބުނީ އެވެ. ގައުމީ ޓީމުން އައީ އޭނާ ޓީމަކާ ނުގުޅުނު ނަމަވެސް ޕްރެކްޓިސް ކުރެވޭނެ ފުރުސަތު ހޯދައިދޭން މަސައްކަތްކުރަމުންނެވެ.
ބ. ގޮއިދު އަށް އުފަން ކިތުނާ އެންމެ ފުރަތަމަ ފާހަގަކުރެވުނީ 2005 ވަނަ އަހަރުގެ ޒޯން ޗެމްޕިއަންސް ލީގުގައި އއ. ތޮއްޑޫ ސޯސަން ކްލަބަށް ކުޅެން މާލެ އައުމުންނެވެ. އެ ފަހަރު 19 އަހަރުން ދަށުގެ ގައުމީ ޓީމުން ފުރުސަތު ލިބުނު ނަމަވެސް މާލޭގައި ހުރެވޭނެ ގޮތެއް ނެތުމުން އަނބުރާ ދާން ޖެހުނީ އެވެ. އޭގެ ފަހުން އޭނާ ކުޅުނީ ރިޒޯޓުގައި މަސައްކަތްކުރަމުން ރަށު ފެންވަރާއި އަތޮޅު ފެންވަރުގެ މުބާރާތްތަކުގަ އެވެ. އެކަމަކު ފުރަތަމަ ޑިވިޝަނުގައި 2013 ވަނަ އަހަރު ވިކްޓްރީ އަށް އަދި މިދިޔަ ސީޒަނުގައި ބ. ގޮއިދޫ ޓީމަށް ނުރަސްމީ އުސޫލަކުން ކުޅުނެވެ. އެއީ މާބޮޑު ޕްރެކްޓިހެއް ނެތި ހަމައެކަނި ޗުއްޓީގައި އައިސް ކުޅެލާ އުސޫލަކުންނެވެ.
އޭނާ ވިދާލީ ދާދި ފަހުން ނިމުނު ދެ ވަނަ ޑިވިޝަނުގެ ރަނަރަޕް ސުޕަ ސްޕޯޓްސް އަށް ހަތް ލަނޑު ޖަހައިދިނީ، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަންބޫޓު ހޯދުމުންނެވެ. ފުރަތަމަ ޑިވިޝަނުގައި ގަވާއިދުން ކުޅެން ބޭނުންވި ނަމަވެސް އެކަން ކުރެވެން ނެތީ ކިތުނާ ބުނި ގޮތުގައި އެކަމަށް ހުސްވެގެން މާލޭގައި ދިރިއުޅެން ބަލާއިރު އެވަރުގެ އާމްދަނީއެއް ލިބެން ނެތުމެވެ.
ކިތުނާ ވަނީ ރިޒޯޓުގައި ވަޒީފާއަދާކުރަމުން، ރިޒޯޓް ވޮލީބޯޅަ މުބާރާތުގައި ކުޅެ އެންމެ މޮޅު ލިބެރޯގެ މަގާމް ހޯދައި ގައުމީ ވޮލީބޯޅަ ސްކޮޑުން ވެސް މިދިޔަ އަހަރު ފުރުސަތު ހޯދައިފަ އެވެ. މީގެ އިތުރުން ގައުމީ ބެޑްމިންޓަން މުބާރާތުގައި ބ. އަތޮޅު ޓީމަށް ވެސް ކުޅުނެވެ. ޓޭބަލް ޓެނިހާއި ވޯޓާސްޕޯޓްސްގައި ވެސް އޭނާ އަކީ އެހާމެ ހުނަރުވެރި ކުޅުންތެރިޔެކެވެ.
މާޒިޔާ އިން މި ދިން ފުރުސަތާ އެކު ކިތުނާ އަށް މިވަނީ އޭނާ އެންމެ ލޯބިވާ ކުޅިވަރުގައި، ކުރު މުއްދަތެއްގައި ނަމަވެސް ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޓީމަށް ބައިނަލްއަގްވާމީ މުބާރާތެއްގައި ކުޅެލަން ލިބިފަ އެވެ. އިންޑިއާގެ ސުޕަ ލީގު ޗެމްޕިއަން ބެންގަލޫރު އެފްސީ ކަޓުވާލައި ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދި މާޒިޔާ ވާދަކުރާ ގްރޫޕުގައި އޮތީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝް ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ.