އަލް ޝާލީން ޒުވާނުންނާއި ގެސްޓް ހައުސްތަކަށް ހާއްސަކޮށްގެން ބޮޑެތި ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އަންނަ އޭޕްރިލްގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި އަލް ޝާލީގެ ކުޑަ ލޯންޗުތަކުން ހާއްސަ ޑިސްކައުންޓުތަކެއް ލިބޭނެ އެވެ. މީގެ ތެރޭގައި އެކުންފުނީގެ ”ކެނެރީ 21“ އާއި ”ކެނެރީ 24“ އާއި ”އެކްޝަން 25“ ހިމެނެ އެވެ. ”އެކްޝަން 25“ އަކީ މިދިޔަ އަހަރު ބޭއްވި މެރިން އެކްސްޕޯގެ އެންމެ މޮޅު އުފެއްދުމުގެ އެވޯޑު ހާސިލްކުރި ލޯންޗެވެ.
މި ހުރިހާ ލޯންޗުތަކަކީ ވެސް މަސްވެރިކަމާއި ދަތުރު ދިއުމަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ ލޯންޗުތަކެވެ. އަދި ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުންނަށް ކައިރި ރަށްތަކަށް ދިއުމަށާއި މޫދަށް ދިއުމަށް ވެސް މި ލޯންޗުތައް ހާއްސަވާނެ އެވެ.
އަލް ޝާލީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފް ވިދާޅުވި ގޮތުގައި މި ޕްރޮމޯޝަނަކީ ޒުވާނުންނާއި އާއިލާތަކާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ މީހުންނަށް ހެޔޮ އަގުގައި ލޯންޗުތައް ގަތުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
އަލް ޝާލީން ބަންނަ ލޯންޗުތައް އެމްއެފްއެލްސީ އާއި އިސްލާމިކް ބޭންކުގެ ކްރެޑިޓް ސްކީމް މެދުވެރިކޮށް ގަނެވޭނެ އެވެ. އެ ކުންފުނީގެ ހުރިހާ ލޯންޗަކާއެކު 18 މަސް ދުވަހުގެ ވޮރެންޓީ ވެސް ލިބޭނެ އެވެ.
އެ ކުންފުނިން ލޯންޗުގެ އިތުރުން ފައިބާ ގްލާސް ބޭނުންކޮށްގެން ސްޕީޑް ބޯޓުތަކާއި ދޯނިތަކާއި ޑިންގީތައް ވެސް ބަނދެ އެވެ. އަލް ޝާލީ އަކީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ރާއްޖޭގައި މަގުބޫލު ކުންފުންޏެކެވެ.