ރާއްޖެ އަށް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އަންނާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށާ، އެ ބަލި ރާއްޖެއިން ނުފެނުމަކީ ނާދިރު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ކޮރޯނާ ވައިރަސް އާއި ގުޅިގެން، ރާއްޖެ އަށް ކާޑުގެ ދަތިކަން ފޯރަފާނެތީ ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން މެމްބަރަކު ދެއްކެވި ވާހަކައަކާއި ގުޅިގެން، މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ވިދާޅުވީ މީގެ ކުރިންވެސް މިފަދަ ބަލިތައް ދުނިޔޭގައި ފެތުރުނު އިރު ރާއްޖެ އަށް އެ ބަލި އައިސްފައިވާ ކަމަށެވެ.
”އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާނީ، އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެ އަށް ކޮރޯނާ ވައިރަސް އަންނާނެ، އެއީކީ ނުވެދާނެ ކަމެއްގެ ގޮތުގައި ދެކެން ވަރަށް އުނދަނގޫ. ދިވެހިރާއްޖެއަށް ވަކި ނާންނަ އެއްވެސް ބައްޔެއް ނޫޅޭ. އަދި ދުނިޔޭގެ އެހެމް ޤައުމުތަކަށް ވެސް ނުދާ ބައްޔެއް ނޫޅޭ. އެހެންވީމަ އަޅުގަނޑަށް ވަރަށް އުނދަނގޫ ދެކެން އަދި އަޅުގަނޑުމެންގެ ހިތްތަކަށް ވައްދަން، މި ރާއްޖެއަކަށް މިބައްޔެއް ނާންނާނެއޭ. މި ރާއްޖެ ސަލާމަތް ވާނެއޭ.“ ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެންނަމަވެސް އެ ބަލި ފެތުރިއްޖެ ނަމަ އަމަލުކުރާނެ ގޮތްތައް އެކުލަވާލާ، އެކަމަށް ވަރަށް ބޮޑަށް ކަމާއި ބެހޭ ފަރާތްތަކުން ތައްޔާރުވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މި ބަލިން ސަލާމަތްވާން، ސާފުތާހިރުވެ ތިބުމުން ބަލިން ރައްކާތެރިވެ ތިބެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮރޯނާ ވައިރަސް ފެތުރިއްޖެ ނަމަ، ކާޑުގެ ބާވަތްތައް ރަށްތަކަށް ފޯރުކޮށްދޭނެ ރަނގަޅު ނިޒާމެއް މިހާރު ނެތް ކަމަށެވެ. ކޮރޯނާ ވައިރަސްްް އަވަށްޓެރި ޤައުމުތަކުގައި ފެތުރެމުންދިއުމާއި ރާއްޖެއިން ކޮރޯނާ ވައިރަސް ފެނުމުގެ ފުރުސަތު ބޮޑުކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނާ އިރު، ދުރާލާ ތައްޔާރު ވުން މުހިއްމު ކަމަށް ބުނެ މިއަދު މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.