ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ޓޫރިޒަމަށް އަންނަމުންދާ ހީނަރުކަން މިހާރު ކުރިއަށް ދާ ގޮތަށް ދެމިގެން ހިނގައްޖެ ނަމަ ދައުލަތަށް މި އަހަރު ލިބޭ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު (2.5 ބިލިޔަން ރުފިޔާ) އާއި 446.6 މިލިޔަން ޑޮލަރު (6.9 ބިލިޔަން ރުފިޔާ) އާ ދެމެދުގެ އަދަދަކަށް މަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ އިސްނެންގެވުމަކަށް، ސާކްގެ އަށް ގައުމުގެ ވެރިން މިއަދު ފެއްޓެވި ވީޑިއޯ ކޮންފަރެންސްގައި ރައީސް ވިދާޅުވީ ރާއްޖެ އަށް ޓޫރިސްޓުން އަންނަ އަދަދު، ރާއްޖޭން ބަލި ފެތުރުމުގެ އެތައް ހަފްތާއެއް ކުރިން ފެށިގެން ދަށަށް ދާން ފެށި ކަމަށެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އަށް ޓޫރިސްޓުން އައި ވަރު މިދިޔަ އަހަރާ އަޅާބަލާއިރު 14.3 ޕަސެންޓުން ދަށަށް ދިޔަ ކަމަށާއި މާޗްމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި 22.8 ޕަސެންޓްގެ ދަށް ވުމެެއް ކުރިމަތި ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
”ޓޫރިސްޓުން އަންނަ އަދަދު މިހާރު ދަށަށް ދަނީ ވަރަށް ބާރަށް، މިހާރު މިދާ ގޮތަށް ދަންޏާ މި އަހަރު ނިމޭ އިރު 35 ޕަސެންޓްގެ ދަށްވުމެއް އަޅުގަނޑުމެންނާ ކުރިމަތިވާނެ،“ ރައީސްް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޓޫރިޒަމަށް އަންނަ ކޮންމެ ހީނަރު ކަމަކުން ރާއްޖޭގެ އިގުތިސާދަށް ވަަރަށް ބޮޑެތި މައްސަލަތަކާ ކުރިމަތިވާނެ އެވެ. ޓޫރިޒަމުން ލިބޭ އާމްދަނީ އަކީ ރާއްޖޭގެ ޖީޑީޕީގެ ހަތަރުބައިކުޅަ އެއްބަޔަަށް ވުރެ ބޮޑު މިންވަރެއް ކަމަށާއި ރާއްްޖެ އަށް ލިބޭ ބޭރު ފައިސާގެ ތިންބައިކުޅަ ދެބައި ހިއްސާކުރަނީ ވެސް އެ އިންޑަސްޓްރީން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
”ވަޒީފާ އުފެދޭ ނުވަތަ އާމްދަނީއެއް ލިބޭ ކޮންމެ އެހެން މަސަައްކަތެއް ސީދާ ގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި ބަރޯސާ ކުރަނީ ޓޫރިޒަމް އިންޑަސްޓްރީ އަށް،“ ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަކީ ސާކް ސަރަހައްދުގެ އެހެން ގިނަ ގައުމުތަކެއްގައިވާ ވިޔަފާރީގެ ގޮތުން ގުޅިފައިވާ އިންޑަސްޓްރީއަކަށް ވާތީ ރާއްޖެ އަށް މިއައި ދަތިކަމުގެ އަސަރު، ރައީސް ވިދާޅުވި ގޮތުަގައި ސާކް ގައުމުތަކަށް ވެސް ކުރާނެ އެެވެ.
ރާއްޖެއަކީ އިމްޕޯޓްކުރާ މުދަލަށް ބަރޯސާކުރާ ގައުމަކަށް ވާތީ، ރާއްޖެއަަށް ލިބޭ ބޭރު ފައިސާގެ އަދަދު މަދުވެއްޖެ ނަމަ ރާއްޖެއަށް ބޮޑެތި މައްސަލަތަކާ ކުރިމަތިވާނެ ކަމަށާއި އާމްދަނީ ދަށްވުމަކީ ކޮވިޑް-19 ހުއްޓުވަން ކުރާ މަސަައްކަތަށް ވެސް ހުަރަސްތައް އެޅޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
”އެހެންވީމާ ފުރިހަމަ، ތަފްސީލް ސަރަހައްދީ ސްޓްރެޓެޖީއެެއް އެކުލަވައިލަން [އިންޑިއާގެ] ބޮޑުވަޒީރު ނަރެންދުރާ މޯދީ ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަށް އަޅުގަނޑު ފުރިހަމައަށް ތާއީދުކުރަން،“ ރައީސް ވިދާޅުވި އެވެ.
އެގޮތުން އެކުލަވައިލާ ސްޓްރެޓެޖީއެއްގައި މައިގަނޑު ތިން ކަމެއް ހިމަނަން އެމަނިކުފާނު ގޮވައިލެއްވި އެވެ. އެގޮތުން ހިމަނަން ޖެހޭ ފުރަތަމަ ކަމަކީ ސަރަހައްދީ ގައުމުތަކުގެ ހެލްތު އެޖެންސީތައް ގުޅިގެން މަސައްކަތްކޮށް، މައުލޫމާތު ބަދަލުކުރުމުގައި ހުރަހެއް ނެތްކަން ކަށަވަރުކުރުން ކަމަށާއި ދެވަނަ ކަމަކީ އިގުތިސާދީ ގޮތުން ކުރިމަތިވާ މައްސަލަތަކަށް ލުޔެއް ދިނުމުގެ ޕެކޭޖެއް އެކުލަވައިލުން ކަމަށް ރައީސް ވިދާޅުވި އެވެ.
”ތިން ވަނަ ކަމެއްގެ ގޮތުން، ކޮވިޑް-19 އާ ހަނގުރާމަކުރުމުގެ ތަފްސީލީ ސްޓްރެޓެޖީއެއްގައި، ދިގުމުއްދަތުގެ ރިކަވަރީ ޕެކޭޖެއް ހިމެނެންވާނެ،“ ރައީސް ވިދާޅުވި އެވެ.