ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރަން ބޭނުންވާ މީހުންނަށް ފޯނުން ގުޅައިގެންނާއި މެސެޖް ކުރެވޭނެ ފަހި ފުރުސަތެއް މުއިއްޒުގެ ކެމްޕެއިން ޓީމުން ހަމަޖައްސައިފިއެވެ.
މުއިއްޒުގެ ކެމްޕެއިން ޓީމުން މިއަދު ބުނީ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ކެމްޕެއިންގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް މިވަގުތަށް މަޑުޖައްސާފައިވާ ކަމަށެވެ. މީގެކުރިން ކެމްޕެއިން ޓީމުން ރާވާފައި އޮތީ މާލެ ސިޓީގެ ވީހާވެސް ގިނަ ގެތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އިހްސާސްތައް ދެނެގަތުމަށެވެ.
ކެމްޕެއިން ޓީމުން ބުނީ މުއިއްޒުއާ ބައްދަލު ކުރަން ބޭނުންވާ މީހުން 7205522 އަށް ގުޅުމުން ނުވަތަ ވައިބާ އިން މެސެޖް ކުރުމުން މުއިއްޒުއާ ބައްދަލުވާނެ ކަމަށެވެ. އަދި މުއިއްޒުއާ ބައްދަލުކޮށްގެން ކަންބޮޑުވުންތައް ހިއްސާ ކުރެވޭނެ ކަމަށް އެ ޓީމުން ބުންޏެވެ.
އިންޖިނިއަރިން ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ މުއިއްޒަކީ މާލެ އަށް މި ފަހުން ގެނައި ބަދަލުތަކުގެ މޭސްތިރިއެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. ހައުސިން މިނިސްޓްރީގައި ގާތްގަނޑަކަށް ހޭދަކުރެއްވި ހަތް އަހަރު ދުވަހު މުއިއްޒު ވަނީ މާލެ އަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފައެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މާލެ އަށް މިވަގުތު ބޭނުން ވަނީ ތަޖުރިބާ ހުރި، ކަންކަން ކުރަން އެނގޭ ވަރުގެ ލީޑަރެކެވެ.
މާލޭގައި ހިންގި މަޝްރޫއުތަކުގެ ތެރެއިން މުއިއްޒު އެންމެ ބޮޑަށް ފާހަގަ ކުރައްވާ އެއް މަޝްރޫއަކީ މާލެ އާއި ހުޅުލެ ގުޅުވާލަން އެޅި ސިނަމާލެ ބްރިޖެވެ. އެއީ ރާއްޖޭގެ އެންމެ ކާރޫބާރޫ ބޮޑު އަދި އާބާދީ ވެސް ބޮޑު މާލެ ސަރަހައްދަށް ގެނެސް ދިން ބިޔަ މަޝްރޫއެކެވެ.
އޭގެއިތުރުން މާލޭގެ ރިންގްރޯޑާއި ޕާކްތަކާއި ހިތްފަސޭހަ މައިޒާންތަކާއި ހުޅުލެ އާއި މާލެ ގުޅުވައިދޭ ލިންކް ރޯޑާއި ކިންގް ސަލްމާން މިސްކިތާއި ހުޅުމާލެ ދެ ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތްތަކަކީ ރައްޔިތުންގެ ގިނަ ބަޔަކު އަބަދުވެސް ފާހަގަ ކުރާ މަޝްރޫއުތަކެވެ.