ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހަކު ރަނގަޅުވެއްޖެ އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މި ބަލިން ރަނގަޅުވެފައިވާ ދެ މީހުންނަކީ ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ޕޮޒިޓިވްވި ދެ މީހުން ކަމަށެވެ. އެ ދެ މީހުންނަކީ އިޓަލީ އަށް ނިސްބަތްވާ ދެމަފިރިންނެވެ.
އެ ދެ މީހުންނަށް ފަރުވާ ދެމުން ގޮސްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށްވާއިރު، އަމީން ވިދާޅުވީ އެ ދެ މީހުންގެ އިތުރު ޓެސްޓުތަކެއް ހަދާފައިވާ ކަމަށާއި އެ ޓެސްޓުތަކުގެ ނަތީޖާ މިހާރު ދައްކަނީ ނެގެޓިވްކޮށް ކަމަށެވެ. އެ މީހުން ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އެމީހުންގެ ހާލަތު އިތުރަށް ބަލައި މޮނީޓާ ކުރެވޭނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
އަދި މި ބަލިން ރަނގަޅުވި ކަމަށް ބަލަނީ ދެ ފަހަރަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވުމުން ކަމަށާއި އެގޮތުން މި ބައްޔަށް ދެން ޕޮޒިޓިވްވި މީހުންވެސް ބަލިން ސަލާމަތްވާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށްވެސް އަމީން ވިދާޅުވިއެވެ.
މީގެއިތުރުން އަމީން ވަނީ ހުރިހާ ރައްޔިތުން ކެތްތެރިވެ ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެބުމަށާއި އަދި މިކަމުން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުންދާ އުންމީދު އެއްވެސް މިންވަރަކަށް ކުޑަނުކުރާ ކަމަށްވެސް ވިދާޅުވެފައެވެ.
އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއެކު މިކަމުން ރައްޔިތުން ސަލާމަތްކުރުމަށްކަން ފާހަގަކުރައްވަމުން އަމީން ވަނީ މި ބަލިން މުޅި ގައުމު ސަލާމަތް ކުރުމަށް ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ 13 މީހުން ކަމަށްވާއިރު، މި އެންމެންނަކީ ވެސް ބިދޭސީންނެވެ.