ކޮވިޑް-19 ޖެހިގެން ފާއިތުވި 24 ގަޑިއިރުތެރޭގައި އިޓަލީން 627 މީހުން މަރުވެއްޖެއެވެ.
އިޓަލީގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީން ބުނީ، ފާއިތުވި 24 ގަޑިއިރުތެރޭގައި އިޓަލީން މި ބައްޔަށް 5،986 މީހުން ޕޮޒިޓިވްވެ 627 މީހުން މަރުވެފައިވާ ކަމަށެވެ.
މި އަދަދުތަކާއެކު އިޓަލީން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 47،000 އަށް ވުރެ މައްޗަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 4000 އަށް ވުރެ މައްޗަށް އަރާފައެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފެށި މި ބަލީގައި މިހާރު އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ އިޓަލީންނެވެ.
ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ ވެސް އިޓަލީގައި ކަމަށްވާއިރު، އެގައުމު މިހާރު އޮތީ ލޮކްޑައުންގެ ހާލަތުގައެވެ. އަދި ލޮކްޑައުންގެ ހާލަތު އިތުރަށް ދަންމާލަން އެގައުމުގެ ސަރުކާރުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.