ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޯވިޑް-19އާ ގުޅިގެން، ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައިވާ މާލެ ސިޓީގެ މިސްކިތްތަކަށް އަރައި ފަރާތްތަކުން 6 ފޫޓް ދުރުގައި ތިބެ ނަމާދު ކުރުމަށް އިލްތިމާސް ކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ނިންމާފައިވަނީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މި މަހުގެ 28 ވާ ހޮނިހިރު ދުވަހާ ހަމަޔަށް ހުއްޓާލުމަށެވެ. އަދި ހުކުރު ނަމާދުވެސް އެ މުއްދަތު ނުކުރަން ވަނީ ނިންމައިފަ އެވެ.
ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް މިސްކިތުގައި ނަމާދު ކުރެވޭނެ އެވެ. ކޮރޯނާވައިރަހުގެ ކަންކަމުގައި މައުލޫމާތު ދޭ ސަރުކާރު ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، ގޭގައި ނަމާދު ކުރެވޭ ފަރާތްތަކުން ގޭގައި ނަމާދު ކުރެއްވުމަށެވެ. ނަމަވެސް ގޭގައި ނަމާދު ނުކުރެވޭ ފަރާތްތަކުން މިސްކިތްތަކުގައި ނަމާދު ކުރުމަށް ހުރަހެއް ނެތް ކަން މަބްރޫކް ފާހަގަކުރެއްވި އެވެ.
”ޑޮކްޓަރުންގެ އިލްތިމާސް އަކީ އެއް ސަފު ދޫކޮށްފައި ތިއްބަވައްޗޭ. ކުރިއަށް ވެސް ފަހަތަށް ވެސް. ދެން މީހަކު ނަމާދައް ހުއްޓައި ދެން ނަމާދައް އަރަން އަންނަ މީހާ އެވަރު ޖާގަ ދީފައި މިސްކިތްތެރޭ މަޑު ކުރައްވައްޗޭ. އެހެންވީމަ ވަށައިގެން ހަ ފޫޓު ޖާގަ ބެހެއްޓުން ޑޮކްޓަރުންގެ އިލްތިމާސްއަކީ މިސްކިތައް ވަޑައިގަތް ނަމާދު ކުރައްވަންޏާ،“ މަބްރޫކް ވިދާޅުވި އެވެ.
ޖަމާއަތް މެދުކަނޑާލި އިރު ބައެއް ބިދޭސީންނަށް އެ މައުލޫމާތު ނުލިބޭކަން މަބްރޫކް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ބައެއް ބިދޭސީން މިއަދު ހުކުރަށް ދިޔަކަމަށެވެ. އެހެން ކަމުން ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެ މައުލޫމާތު އެ ފަރާތްތަކަށް ދިނުމަށް މަބްރޫކް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ކެފޭތަކާއި ރެސްޓޯރެންޓްތައް މާދަމާ ރޭ 12 ޖަހާއިރުން ފެށިގެން، އާންމުންނަށް މެދުކަނޑާލި ނަމަވެސް ޓޭކްއަވޭ އާއި ޑެލިވަރީ ކުރިއަށް ގެންދެވޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އެތަންތަނަށް ކާބޯތަކެތި ބާލާ ދާ ފަރާތްތަކުން ވެސް ދުރުދުރުގައި ތިބުމަށް މަބްރޫކް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.