ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ތެލެސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެފައިވާތީ، ވީހާވެސް ގިނަ ފަރާތްތަކުން ލޭ ހަދިޔާ ކޮށްދިނުމަށް ތެލެސީމިއާ ސެންޓަރުން އެދިއްޖެ އެވެ.
ރާއްޖޭގައި ކޮރޯނާވައިރަސް އޮތް ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ލޭ ލިބުން ދަތިވެފައިވާތީ، އާންމުންގެ އެހީތެރިކަމަށް ތެލެސީމިއާ ސެންޓަރުން އެދިފައިވާ ކަމަށެވެ.
ތެލެސީމިއާ ސެންޓަރަށް އެންމެ ގިނައިން ލޭ ހަދިޔާކުރާ އެއް ބަޔަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކަން މަބްރޫކް ފާހަގަކުރެއްވި އެވެ. އެގޮތުން ރިސޯޓުތަކުގައި ވަރަށް ގިނައިން ލޭ ހަދިޔާކުރުމުގެ ކޭމްޕުތައް ބާއްވަ އެވެ.
ނަމަވެސް ކޮރޮނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގައި ރިސޯޓުތަކުގެ މުވައްޒަފުން ރިސޯޓުން ފޭބުން އޮތީ މަނާކޮށްފަ އެވެ. އަދި ރަށްރަށުން ރިސޯޓުތަކަށް ދިއުން ވެސް އޮތީ މަނާކޮށްފަ އެވެ.
”އެބޭފުޅުންނަށް މިވަގުތު ނެތް އެކަން ކުރެވޭކަށް އިއޮތް ރެސްޓްރިކްޝަން އާއެކު. އެބޭފުޅުން ވަރަށް އެބަ އެދޭ ތިބޭފުޅުން، އާންމު ރައްޔިތުން މިކަމުގައި އެހީތެރިވެ ދިނުމުގެ ގޮތުން ތެލެސީމިއާ ސެންޓަރަށް ލޭ ހަދިޔާކޮށްދިނުމަށް،“ މަބްރޫކް ވިދާޅުވި އެވެ.
ލޭ ހަދިޔާކުރުމުގައި ވެސް ”ސޯޝަލް ޑިސްޓޭންސިން“ އަށް އިސްކަންދީ، އާންމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރެވޭނެ އިންތިޒާމް ތެލެސީމިއާ ސެންޓަރުން ހަމަޖައްސާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކޮށް އެޗްޕީއޭ އިން މި މަހުގެ 18 ވަނަ ދުވަހު ނެރުނު އެންގުމުގައި ބުނެފައިވަނީ، އެ ރޭގެ 9:00 އިން ފެށިގެން 10 ދުވަހުގެ މުއްދަތަކަށް ރާއްޖޭގެ އެއްވެސް ރަށަކުން ރިސޯޓަކަށް މީހުންނަށް ދަތުރު ނުކުރެވޭނެ ކަމަށެވެ. އެ 10 ދުވަހުގެ މުއްދަތުގައި، ރިސޯޓްތަކުން، މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރު ނުކުރެވޭނެ ކަމަށާއި އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށްވެސް ދަތުރު ކުރުން މަނާވާނެ ކަމަށް އެ އެންގުމުގައި ބުނެފައިވެ އެވެ.
އެ އެންގުމަށް އަމަލުކުރުން ނިމޭނީ މިމަހު 28 ވަނަ ދުވަހަށެވެ.
ސަރުކާރު އޮފީސްތަކާއި، އަމިއްލަ ކުންފުނިތަކުން ވެސް ދޭތެރެ ދޭތެރެއިން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ. ނަމަވެސް ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް، މީހުން ތަންތަނަށް އެއްވެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.