ކޯވިޑް 19 ފެތުރުން ހުއްޓުވުމަށްޓަކައި މާލެ ސަރަހައްދު ފިޔަވައި، ރާއްޖޭގެ އެހެން ރަށްތަކުގައި އެޅި ފިޔަވަޅުތައް ބާތިލްކޮށްފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން އަތޮޅުތަކުގެ ރަށްތަކުގައި އަޅާފައިވާ ހުރިހާ ފިޔަވަޅެއް ޖޫން 15 ވަނަ ދުވަހުން ފެށިގެން ބާތިލް، ސަރުކާރުން ކުރިން އިއުލާން ކޮށްފައިވާ ގޮތައް މާލޭގެ ފުރަބަންދަށް ލުއިތަކެއް ދީފައިވާކަން ރަސްމީކޮށް ވަނީ އިއުލާނުކޮށްފައެވެ.
ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަަށް ހެލްތު މިނިސްޓްރީން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރީ މިދިޔަ މާޗުމަހުގެ 12 ވަނަ ދުވަހުއެވެ.
އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ވަނީ އަންގައިވައިފައެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19ގެ ބަލި މީހަކު ފެނުމާއެކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް ރަށްތައް ފުރަބަންދުކުރިއެވެ. ނަމަވެސް މާލެ ފިޔަވައި އެ ބަލި ފެނިފައިވަނީ މަދު ރަށަކުންނެވެ. އެއާއެކު ރަށްތަކުގެ ފުރަބަންދަށް ވަނީ ލުއިދީފައެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ނެރުއްވި އެންގުމެއްގައި ބުނީ، ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއާ ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހައި ވަގުތެއްގައި ވެސް އަމަލުކުރުމާއި ރަށުތެރޭގައި އުޅުމުގައި ވެސް ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަށެވެ.
މޮނިޓަރިންގެ ހާލަތަށް ގެނެވޭ ރަށްތަކާއި މޮނިޓަރިންގެ ހާލަތު ނިމުމަކަށް ގެންނަތާ 14 ދުވަސް ނުވާ ރަށްތައް ފިޔަވައި އެހެން ރަށްތަކުގައި، އާންމު ހިދުމަތްތަކާގުޅޭ ކަންކަމާއި އިޖުތިމާއީ ހަރަކާތްތަކާއި އިގްތިސާދީ ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ ހުއްދައާއި ރަށުތެރޭގެ އެއް ތަނުން އަނެއް ތަނަށް ދިއުމުގެ ހުއްދަ ވަނީ ދީފަ އެވެ. ނަމަވެސް ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ވެސް އެ އެންގުމުގައި ވަނީ ބުނެފަ އެވެ.
ނަމަވެސް ޑިރެކްޓާ ޖެނެރަލް ސޮއިކުރައްވާ ރޭ ނެރުއްވި އެންގުމުން، މޭ 29 ގައި ނެރުނު އެންގުން ވަނީ ބާތިލްކޮށްފައެވެ. އެހެންކަމުން މިހާތަނަށް ކޮވިޑާ ގުޅިގެން ރަށްތަކުގައި އަޅާފައި ހުރި ފިޔަވަޅުތައް ވަނީ އުވިފައެވެ.