މާލޭ ސަރަހައްދުގެ ފުރަބަންދަށް ލުއިތަކެއް ދިނަސް، މާލޭގެ ފިހާރަތަކުން ރޭގަނޑު 10:00 ގެ ފަހުން ޑެލިވަރީގެ ހިދުމަތް ނުދެވޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕްރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.
އެ އުސޫލު އެކުލަވާލުގެ ކުރިން މާލޭގައި ޑެލިވަރީގެ ހިދުމަތް ރޭގަނޑު 11:00 ޖެހުމާއި ހަމައަށް ދެވެއެވެ. ދަރުބާރުގޭގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، 10:00 ގެ ފަހުން މަގުމަތީގައި މީހުން އުޅުން ހުއްޓުވުމަށް ގެނެސްފައިވާ ބަދަލުގެ ތެރެއިން ޑެލިވަރީގެ ހިދުމަތްވެސް ދެވޭނީ އެގަޑިއާއި ހަމައަށް ކަމަށެވެ.
އެޗްޕީއޭއިން އެކުލަވާލާފައިވާ އާ އުސޫލުގައި ވާގޮތުން މިއަދުން ފެށިގެން އާންމުކޮށް މަގުތަކުގައި އުޅުމަށް ކަނޑައަޅާފައިވާ ގަޑިއަކީ ކޮންމެ ދުވަހަކު ފަތިހު 5:00 އިން ފަށައިގެން ރޭގަނޑު 10:00 އާއި ދެމެދުއެވެ. އަދި މި ގަޑިތަކުގައި ބޭރަށް ނިކުމެ އުޅުމުގައި ފުލުހުންގެ ހުއްދަ ހޯދަން ނުޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 2035 މީހަކު ފައްސިވެފައިވާއިރު، މިހާރު ފަރުވާދެމުން އަންނަނީ 714 މީހަކަށެވެ. މި ބަލީގެ ނުރައްކާ ކުރިޔާއި އަޅާބަލާއިރު ރާއްޖެއިން ކުޑަވެފައި ވީނަމަވެސް އަދިވެސް ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.