އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި މިހާތަނަށް ޖަހާފައިވާ ގޯލްތަކުގެ ތެރެއިން ސޯލޯ ގޯލަކަށް، ބޮޑު ތަފާތަކުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގުގެ (ދަގަނޑޭ) ގެ ގޯލް ހޮވިއްޖެއެވެ.
އޭއެފްސީން އަންނަނީ ފަހަކަށް އައިސް ސަޕޯޓަރުންގެ މެދުގައި، އޭއެފްސީ ކުޅުންތެރިން ޖަހާފައިވާ މޮޅުތި ހިތްގައި ގޯލު ގިންތި ކުރުމަށް ވޯޓު ނަގާފައެވެ. މީގެ ކުރިން އޭއެފްސީން ވަނީ އެންމެ ހިތްގައިމު ހިލޭ ޖެހުމާއި ދުރުން ޖަހާފައިވާ އެންމެ ރީތި ގޯލްވެސް ހޮވާފައެވެ.
އެންމެ ތަފާތު ސޯލޯ (އަމިއްލަ ހުނަރުން) ޖެހި އެންމެ މޮޅު ގޯލަކަށް ދަގަނޑޭގެ ގޯލު ހޮވިފައިވާއިރު، މިއީ ރާއްޖޭގައި ތިބި ފުޓްބޯޅައަށް ލޯބި ކުރާ މީހުންނަށް ލިބިދޭ ހިތްހަމަ ޖެހުމަކާއި އުފާވެރި ކަމެކެވެ.
ދަގަނޑޭގެ އެ ގޯލަކީ 2013 ވަނަ އަހަރު އޮތް އޭއެފްސީ ކަޕް ގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޖާޒީގައި އިންޑޮނީޝިއާގެ ޕެރްސިބޯ ކޮޅަށް ދަގަނޑޭ ވައްދާލި ގޯލެކެވެ.
އޭއެފްސީ ޑޮޓްކޮމް އިން ކުރިޔަށް ގެންދިޔަ ވޯޓުގައި ވޯޓު ދިން މީހުންގެ 54 އިންސައްތަ މީހުން ވަނީ ދަގަނޑޭއަށް ވޯޓު ދީފައެވެ.
މިވޯޓުގައި ދެން އެންމެ ގިނަ ވޯޓު ލިބުނީ 2014 ވަނަ އަހަރު އިންޑިއާގެ ޗާޗިލް ބްރަދާސްގެ ފޯވާޑް ބަލްވަންޓް ސިންގް ޖެހި ގޯލަށެވެ. އޭނާ އަށް ވަނީ 22 އިންސައްތަ މީހުން ވޯޓުލައިފައިވާއިރު، ލުބުނާންގެ ސޯފާ އެފްސީ މުހައްމަދު ހައިދަރު ކާމިޔާބު ކުރި ގޯލަށް ލިބުނީ 6 % އެވެ.
އިންޑޮނޭޝިއާގެ ޕަސިޕޫރާގެ ފޯވަޑް ބޯޒް ސޮލޯސާ ޖެހި ގޯލަށް 17 % ލިބިފައިވާ އިރު މިޔަންމާގެ ޔޮންގޮސް ޔުނައިޓެޑްގެ ފޯވަޑް އިމޭނުއަލް އުޒޫޗޮކްވޫ ކާމިޔާބު ކުރި ގޯލަށް ލިބުނީ އެންމެ އިންސައްތަ އެކެވެ.
އޭއެފްސީ ކަޕްގެ ތާރީހްގައި އެންމެ ގިނަ ގޯލް ޖެހި 10 ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ ހިމެނޭއިރު، އޭނާ ވަނީ ކެރިއަރުގައި 400 އަށްވުރެ ގިނަ ގޯލް ޖަހާފައެވެ.