ޓިކްޓޮކޭ ބުނުމުން މިހާރު އެއީ ކޯއްޗެއްކަން ނޭނގޭ މީހުންގެ އަދަދު އަތުން ގުނާލެވޭހާ މަދުވާނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
މުޅި ދުނިޔޭގެ އެކި ކަންކޮޅުގެ މީހުން ބޭނުންކުރަމުންދާ މި އެޕްލިކޭޝަނަކީ ގިނަބަޔަކު މިހާރު ބޭނުންކުރަމުންދާ އެއްޗެކެވެ. އެއްބަޔަކު މުނިފޫހިފިލުވުމަށް ޓިކްޓޮކް ބަލަމުންދާއިރު އަނެއް ބަޔަކު ދަނީ މީހުންގެ މަޤުބޫލުކަން ހޯދުމަށް ޓިކްޓޮކް ކުޅެމުންނެވެ.
ޓިކްޓޮކުގެ ޒަރިއްޔާއިން މަޝްހޫރުވެ ދިވެހިންގެ މަޤުބޫލުކަން ހޯދާފައިވާ އަދަދު ރާއްޖޭގައިވެސް މަދެއްނޫނެވެ.

ދަންނަވަން މިއުޅެނީ ޓިކްޓޮކު ކުޅެގެން އެންމެ 7 މަސް ދުވަސް ތެރޭގައި 22 މިލިއަން މީހުންގެ މަޝްހޫރުކަން ހޯދި އެމެރިކާގެ ނެށުންތެރިއެއް ކަމަށްވާ ޗާލީ ޑިމިލިއޯގެ ވާހަކައެވެ. އުމުރުން އެންމެ 16 އަހަރުގެ ޗާލީ ވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައެވެ.
ޗާލީ އާންމުގެ ތެރެއަށް މަޝްހޫރުވެގެންދިޔައީ ލޮޓެރީ ނަމަކަށް ކިޔާ ޓިކްޓޮކެއް ކުޅުމަށް ފަހުގައެވެ.މިހާރު އޭނާ ވަނީ އެލް އޭގެ ޓިކްޓޮކްސް ހައިޕް ހައުސްއާވެސް ގުޅިފައެވެ. އަދި މިއީ އިތުރަށް އާންމުންގެ ތެރެއަށް ޗާލީ މަޝްހޫރުވުމަށް ހުޅުވުނު ދޮރެއް ކަމުގައި ވެއެވެ.މިހާރު ޗާލީގެ ފޮލޯވަރުންގެ އަދަދު ވަނީ 64.5 މިލިއަނަށް އަރާފައެވެ. އަދި ގިނަބަޔަކު ގަބޫލުކުރާގޮތުގައި ޗާލީ އަކީ ”ޓިކްޓޮކް ކުއީން“ ނުވަތަ ޓިކްޓޮކުގެ ރާނީއެވެ.