ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަހްމަދު ހައިލަމްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް އޭނާ ފުލުހަށް ހާޒިރުވާން އެ އިދާރާ އިން އަންގައިފިއެވެ.
ހައިލަމްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ، ހައިލަމަށް ދެއްވި ދެލައްކަ ރުފިޔާއެއްގެ މައްސަލައިގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ހައިލަމް ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 20:00 އަށެވެ.
ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ އަލްހާން ފަހްމީގެ އަތުން އަނބުރާ ދައްކާގޮތަށް ހޯދި ދެލައްކަ ރުފިޔާ ފާޅުކަން ބޮޑުގޮތެއްގައި އެކައުންޓުން އެކައުންޓަށް ޓްރާންސްފާކުރުމަކީ މަނީ ލޯޑަރ ކުރުން ކަމަށް ބުނެ އޭނާ މަނީ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް، ފުލުސް އޮފީހަށް ހާޒިރުވާން އަންގަވައިފި ކަމަށެވެ.
ފުލުހަށް ހާޒިރުވާން އެންގި ޗިޓާއި އެކު ހައިލަމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އޭނާ އަށް ބިރު ނުދެއްކޭނެ ކަމަށެވެ.
ހައިލަމް ކުރެއްވި ޓްވީޓް، ރީޓްވީޓު ކުރައްވަމުން އަލްހާން ވިދާޅުވީ، ފައިސާ ޓްރާންސްފާ ކުރީ އޭނާ ކަމަށާއި، ފައިސާ ލިބުނު މީހާ މަނީ ލޯންޑަރކުރާ ކަމަށް ތުހުމަތުވީ ގޮތަކާއި މެދު ސުވާލު އުފެދޭ ކަމަށެވެ.
އަލްހާން ވިދާޅުވީ، އެ މުޢާމަލާތް މިހާރު ނިމިފައިވާއިރު އެއީ ކުށެއް ކޮށްގެން ހޯދި ފައިސާއެއް ނޫން ކަމަށެވެ. އަދި ދަރަންޏަށް ފައިސާ ނެގުމަކީ ކުށެއް ނޫން ކަމަށާއި، މަނީލޯންޑަރ ކުރާގޮތް މިފަހަރު ކިޔައިދޭނެ ކަމަށް އަލްހާން ވިދާޅުވިއެވެ. އަލްހާން ވަނީ މި ޓްވީޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި، ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމާއި ފުލުހުންގެ ރަސްމީ ޓްވީޓާ އެކައުންޓުވެސް ޓެގުކުރައްވާފައެވެ.
ހައިލަމަށް ފުލުހުން ފޮނުވި ޗިޓްގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިފައިވާ މުޢާމަލާތްތަކުގެ ރިޕޯޓްތަކަށް ބެލި ބެލުމުން ކްރިމިނަލް ކޯޓްގެ އިސް ޤާޟީ އަހުމަދު ހައިލަމް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރެއް ކަމުގައިވާ އަލްހާން ފަހުމީއާއެކު 19 މެއި 2019 ގައި 200،000ރ (ދެލައްކަ) ރުފިޔާގެ މުޢާމަލާތެއް ހިންގާފައިވާ ކަމަށް ފާހަގަ ކުރެވިގެން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނަސްފައިވާތީ، އަދި މި މުއާމަލާތަކީ މަނީ ލޯންޑްރިންގ އަށް ތުހުމަތު ކުރެވޭ ގޮތަށް ހިންގާފައިވާ މުއާމަލާތެއްކަމަށް ތުޙުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ.
ހައިލަމް ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުން ވަކި ކޮށްފައިވަނީ ވައިބާ ގްރޫޕަކަށް ފޮޓޯއެއްލި ކަމަށް ބުނެ ސްލޫކީ މައްސަލައެއްގައެވެ. އޭރު އޭނާ ބަލަމުން ގެންދިޔައީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެކެވެ. ހައިލަމްގެ ސްލޫކީ މައްސަލައެއްގައި ކަމަށްބުނެ ސަސްޕެންޑް ކުރީ އެ މައްސަލައިގެ ހުކުމާއި ހަމައަށް ގޮސްފައި ވަނިކޮށް ޖޭއެސްސީ އިންނެވެ.
ހައިލަމް ފަހުން ވިދާޅުވެފައިވަނީ އޭނާ ސަސްޕެންޑްކުރީ ސަރުކާރުން ބޭނުންވާ ގޮތަށް ރައީސް ޔާމީނަށް ހުކުމް ކުރަން އެއްބަސް ނުވުމުން ކަމަށެވެ.