ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމް ފުރުއްވި ޑރ. މުހައްމަދު ވަހީދު ހަސަން ޕީޕިއެމް އަށް ސޮއިކުރައްވައިފިއެވެ.
ޑރ. ވަހީދު ޕީޕީއެމްއަށް ސޮއިކޮށްފައި މިވަނީ ދާދި ފަހުން އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމު މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރައްވަން އުޅުއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގައިވާ އިބްރާހީމް ޖައުފަރު (ޖޯރޭ) ހަމަލާދީފައިވާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން ޑރ. ވަހީދު ދޮގު ހެއްދެވި ކަމަށް ބުނެ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅާ އެކަމާ ބަހުސް ވެސް ކޮށްފައިވެއެވެ. އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރެއްވި ހުރިހާ މެމްބަރުން ވެސް ވަނީ، އެމްޑީޕީ އެކްޓިވިސްޓް، ދިފާޢު ކޮށް، ޑރ ވަހީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އަދި މަޖިލިސް ނިމުމާއެކު ޑރ. ވަހީދު ކުރެއްވި ޓްވީޓުގައި ވަނީ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ދެއްކެވި ވާހަކަތަކަކީ ބޭކާރު ތާކުންތާކު ނުޖެހޭ ވާހަކަ ތަކެެއް ކަމުގައި ވިދާޅުވެ އެވާހަކަތައް ދޮގުކުރައްވާފައެވެ.