މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ފަސް ފުލުހެއްގެ މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި އެ އިދާރާގެ ފަސް މުވައްޒަފެއްގެ ޖިނާއީ އަދި އިދާރީ ތަހުގީގު ހިނގަމުންދާތީ އެ މުވައްޒަފުން މަސްއޫލިއްތުން ދުރުކޮށް، މައްސަލަ ނިމެންދެން ސަސްޕެންޑުކުރެވިފައިވާ ކަމަށެވެ.އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން މީގެ ކުރިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރަކާއި ޑެޕިއުޓީ ކޮމިޝަނަރަކު އެކި ފަހަރުމަތިން ފައިސާ ނަންގަވާފައިވާ ކަމަށެވެ.
އޭގެ އިތުރުން މިހާރު ވެސް ޕޮލިސް ސާވިސްގައި މަސައްކަތްކުރާ އެކި ރޭންކުތަކުގެ އޮފިސަރުންނަށް ހިޔާނާތުގެ ފައިސާ ލިބިފައިވާކަން ފާހަގަކުރައްވައި ހަމީދު ވިދާޅުވީ ހިޔާނާތުގެ ފައިސާ ލިބިފައިވާ ފުލުހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާނެ ކަމަށެވެ.އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ ފަސް ފުލުހަކު މަސްއޫލިއްޔަތުން ދުރުކުރުމަށް ފަހު، އެފުލުހުންގެ މައްސަލަތައް ބަލަން ފަށާފައި މިވަނީ އެމްއެމްޕީއާރްސީ މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ސްޕީޑު ލަސްކަމަށްބުނެ ފުލުހުންނާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. އެގޮތުން މިހާރުގެ ސަރުކާރަށް އެމްއެމްޕީއާރުސީގެ މައްސަލަ ނުބެލޭނެ ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ 260 މީހެއްވާ އިރު، އޭގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ބައެއް ވަޒީރުންވެސް ހިމެނިވަޑައިގަންނަވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.