ރާއްޖޭގެ މަތީ ތައުލީމުގެ ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން 514 ދަރިވަރަކަށް ލޯނު ހަމަޖެހިއްޖެ އެވެ.
މިނިސްޓްރީ އޮފް ހަޔާރ އެޑިއުކޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހަޔާރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މަތީ ތައުލީމުގެ ލޯން ސްކީމަށް އެއްހާހެއްހާ ދަރިވަރުން ކުރިމަތިލައިފައިވާ ކަމަށެެވެ. އަދި ދަރިވަރުން ފަރާތުން ލިބުނު އެޕްލިކޭޝަންތަކުގެ ފެންވަރު ރަނގަޅުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ކުރިއާ ހިލާފަަށް، ވަރަށް ގިނަ ދަރިވަރުން ކޮލިޓީ އެޕްލިކޭޝަންތަކެއް ހުށަހެޅިކަމަށެވެ. އެގޮތުން ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން 514 ދަރިވަރަކަށް ލޯނު ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ލޯނުތަކަކީ މިއަހަރު ކުރީކޮޅު ހުޅުވާލި 550 ސްޓޫޑަންޓް ލޯނު ސްކީމުގެ ދަށުން ދޫކުރި ލޯނުތަކެވެ. މީގެ ތެރޭގައި ހިމެނެނީ، ލައިސަންސް ކެޓެގަރީ އަށް ދޫކުރާ 15 ޖާގަ، ޑިޕްލޮމާ 48 ދަރިވަރުންނަށް، ފުރަތަމަ ޑިގްރީ 264 ދަރިވަރުންނަށް، މާސްޓާސް ޑިގްރީ 160 ދަރިވަރުންނަށާއި ޕީއެޗްޑީ ހެދުމަށް 27 ފުރުސަތެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން ދިމާވި ދަތިތަކާއެކުވެސް މަތީ ތައުލީމާއި ޓްރެއިނިންގެ ފުރުސަތުތައް ކުރިއަށްގެންދިއުމަށް ހާއްސަ ސަމާލުކަމެއްދެމުންދާ ކަމަށެވެ. އަދި ދަރިވަރުންގެ ލޯނު ސްކީމާއި ސަރުކާރުގެ ފަރާތުންދޭ ޓޮޕް އެޗީވާރސް ސްކޯލަރޝިޕްތައް ހުއްޓުމެއްނެތި ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.