މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ކުޅުދުއްފުށިން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.
ކުޅުދުއްފުށީގައި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ހިނގާ ޖޫން މަހުގެ 25 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ފުލުހުން އޭނާ ހުއްޓުވުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ބިންމައްޗަށް ވައްޓައިލާފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.