އުސޫލުން ބޭރުން މި ސަރުކާރުން ވަޒީފާއިން ވަކި ކުރާ ކޮންމެ ފުލުހަކަށް ޕީޕީއެމް ނުވަތަ ޕީ އެން ސީގެ ސަރުކާރުގައި ވަޒީފާ ކަށަވަރު ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިވަގުތު ޕީޕީއެމް ޕީއެންސީގެ ކޯލިޝަން ހިންގެވުމާ އިސްކޮށް ހަވާލުވެހުރި، ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިހެން ޕީއެންސީގެ ރައީސް އަބްދުލް ރަހީމް ވިދާޅުވެފައި މިވަނީ މި ސަރުކާރުން ފުލުހުންނާ ގުޅިގެން މަޖިލީހަށް ބިލެއް ހުށައަޅާފައި ވަނިކޮށެވެ. މި ބިލުގައި ހުރި މައިގަނޑު ބައިތަކަށް ބަލާއިރު ފުލުހުންނަށް ބޮޑެތި އިޚްތިޔާރުތަކާއި ބާރުތައް ދިނުމަށް ހުށަހެޅިފައިވެއެވެ. އެގޮތުން ފުލުހުން އިންތިޒާމްވާނެ ގޮތާއި، ފުލުހުންގެ އޮނިގަނޑު އެކުލަވާލާނެގޮތާއި، ރޭންކްތައް ރެކްރޫޓްވާނެ ގޮތާއި، ބާރުތަކާއި މަސްއޫލިއްޔަތުތައް ބެހިގެންދާނެ ގޮތާއި، އަޚުލާގާއި ސުލޫކު ބަޔާންކުރުމާއި، ތަމްރީނާއި ތައުލީމް ލިބިފައިވާ މިންވަރު ބެލުމާއި، ފުލުހުންގެ އިސްމަގާމުތަކުގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ފުލުހުންނާއިމެދު އިސްލާހީ ފިޔަވަޅު އެޅޭނެގޮތާއި، ފުލުހުންނަށް ދޭނެ އިނާޔަތްތައްވެސް ބަޔާންކޮށް، ފުލުހުން ކުރާނެ ކުށްތައް ބަލައި ތަހުގީގް ކުރާނެ އޮނިގަނޑެއްވެސް މިބިލްގެ ތެރެއިން އެކުލެވިފައިވެއެވެ.