ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުގެ މަގާމުގައި ހުންނެވި ފާތިމަތު އާމިރާ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ނިންމައިފި އެވެ.
އާމިރާގެ އިތުބާރު ނެތް ކަމަށް ނިންމަން ހުށަހަޅައިފައި ވަނީ ވެލިދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ޝަފީގު އެވެ.
އޭނާ އެގޮތަށް ހުށަހެޅުއްވީ އާމިރާ މަޖިލީހުގެ ކޮމިޓީއަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ އެވެ. އެމައްސަލާގައި އާމިރާއަށް ޖަވާބުދާރީވާން ފަސް ދުވަސް ދިނެވެ.
ކޮމިޓީގެ ރިޔާސަތު މިއަދު ބެލެހެއްޓެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ މައްސަލައަށް ޖަވާބުދާރީވެ ކޮމިޓީއަށް އާމިރާ ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް އެ ސިޓީގައި އޮތް އެއްޗެއް ވިދާޅުވެފަ އެއް ނުވެއެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވަނ އާމިރާ ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ފާސްކުރުމަށް ހުށަހަޅުއްވާފައެވެ. އެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވަނީ އެހުށަހެޅުމަށް ތާއީދު ކޮށްފައެވެ.
ކޮމިޓީގައި ބައިވެރިވި ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުން ވަނީ އެ ހުށަހެޅުމަށް ތާއީދު ކުރައްވާފަ އެވެ.