ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރަނީ ހަގީގަތެއް ނެތް ސިޔާސީ ދައުވާއެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ކުއްލި ގޮތަކަށް ޔާމީންގެ މައްޗަށް ދައުވާ އުފުލީ ގައުމު ހިންގަން ތިބި ބައެއްގެ ނާގާބިލްކަމުން ގައުމުގެ އިގްތިސާދު ހަލާކުވެ، އިޖުތިމާއީ ފޭރާން ވީދި ހަލާކުވެފައިވާ މި ދަނޑިވަޅުގައި ސަރުކާރު ފެއިލްވެފައިވާތީ ކަމަށެވެ.
އެހެންވެ، ސަރުކާރުގެ ވިސްނުމަކީ އިދިކޮޅުން ބުނި ގޮތުގައި ރައްޔިތުންގެ ވިސްނުން އެހެން މިސްރާބަކަށް ބަދަލުކޮށްލުމެވެ. އަދި ޔާމީންގެ މައްޗަށް އިތުރު އަސްލެއް ނެތް، ސިޔާސީ ދެ ދައުވާއެއް ކުރީ އެ ނިޔަތުގައި ކަމަށް ވެސް އިދިކޮޅުން ސިފަ ކުރިއެވެ.
ރައްޔިތުންގެ ވިސްނުން އެހެން މިސްރާބަކަށް ބަދަލުކޮށް ސަރުކާރު ހިންގާ ޕާޓީގެ އެކްޓިވިސްޓުންނަށް ރައްދުގައި ދައްކާނެ އެހެން ވާހަކައެއް ހޯދައި ދިނުމުގެ ބޭނުމުގައެވެ. މިފަހަކަށް އައިސް ރާއްޖޭގައި ބިދޭސީއަކު ރޭޕް ކުރި މައްސަލައިގައި ރޭޕް ކުރި މީހުންނަށް ދައުވާނުކޮށް ދޫކޮށްލުމުގައި ރައީސްގެ ސީދާ އަތެއްވާ ކަމަށް ތުހުމަތު ކުރެވި އެކަމުގެ ހިތްހަމަޖެހުން ވެސް ކުރިމަތިވަމުންދާތީ ކަމަށް ވެސް ބެލުމުގެ ފުރުސަތު އެބައޮތެވެ،“ ބަޔާނުގައިވެއެވެ.
އަދި ރައީސް ޔާމީނުގެ މައްޗަށް މިހާރު ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަކީ އެހުކުމް އިއްވުމުގައި ސިޔާސީ ނުފޫޒުގެ ދައުރު އޮތް ހުކުމެއް ކަމުގައި ރާއްޖެއާއި ބޭރުގެ ފަރާތްތަކުން ގަބޫލުކުރާތީ އެކަމުގެ ސަބަބުން ސަރުކާރަށް ފިއްތުންތައް ކުރިމަތިވާތީ އެކަމުގެ ސަބަބުން ރައީސް ޔާމީން ދޫކޮށްނުލައި އިތުރު އަނިޔާ ދިނުމަށް ހިންގާ ސިޔާސީ ދަޢުވާއެއްކަން އެދައުވާއަށް ބަލައިލުމުން ވަރަށް ސާފުކޮށް އެނގޭ ކަމުގައިވެސް ކޯލިޝަނުން ބުނެފައިވެއެވެ