އިއްޔެއަކީ ރާއްޖޭގެ މޮޑެލް ކައިޒީން އިންސްޓަގްރާމް މެދުވެރިކޮށް ފެށި ގިވްއަވޭގެ ނަތީޖާ އިއުލާނު ކުރި ދުވަހެއެވެ.
ކައި އިއުލާނުކުރި ގިވްއަވޭގައި ނަސީބުވެރި ތިން ފަރާތެއް އިއުލާނު ކޮށްފައިވާއިރު، އޭގެން ކޮންމެ މީހަކަށް 1000 އެމެރިކާ ޑޮލަރު އޭނާ ހަދިޔާ ކޮށްފައިވެއެވެ.
އަދި މީގެ އިތުރުން އެއް ފަރާތަކަށް އެހީތެރިވުމުުގެ ގޮތުން ކައި މިވަނީ ފުރޮޅުލީ ގޮނޑިއެއް ވެސް ހަދިޔާ ކޮށްފައެވެ.
މީގެ ކުރިން ވެސް ކައި ބުުނެފައި ވަނީ ކައިގެ ގިވްއަވޭގެ މައިގަނޑު މަގްސަދަކީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުން ކަމަށެވެ.
އެގޮތުން ކޮންމެހެން ވެސް މިފައިސާ އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ތިން ފަރާތަކަށް ކައި ވަނީ މިއަދު ހަދިޔާ ކޮށްފައެވެ.
އެގޮތުން ކައިގެ ގިވްއަވޭ ގެ ފުރަތަމަ ނަސީބުވެރިޔަކަށް ހޮވާފައިވަނީ ކޮވިޑް19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތަކަށެވެ. އެ ފަރާތުގެ ވާހަކަ ކައި ހިއްސާކޮށްފައިވާއިރު އޭނާ ބުނެފައިވާ ގޮތުގައި އޭނާގެ އާއިލާގެ 4 ކުދިންގެ ޒިންމާ ނަގަމުން އަންނަނީ އޭނާއެވެ. އަދި ވަޒީފާ ގެއްލުމުގެ ސަބަބުން ކޯސް ނުދެއްކިވާ ކަމާއި ސަރުކާރުން ވަޒީފާ ގެއްލޭ ފަރާތްތަކަށް ދޭ އެލަވަންސް ވެސް ލިބިފައި ނުވާ ކަމަށް ބުނެފައިވެއެވެ.
ދެވަނަ އަށް ކައިގެ ގިވްއަވޭ ގެ ނަސީބުވެރިޔަކަށް ހޮވާފައިވަނީ ފިރިމީހާގެ ތެލެސީމިއާ ގެ ފަރުވާ އަށް މާލީ އެހީ ބޭނުންވެފައިވާ މީހަކަށެވެ.
އަދި ތިން ވަނަ އަށް 1000 ޑޮލަރ ލިބޭ ފަރާތަކަށް ހޮވާފައިވަނީ މަންމަ ގެ ކިޑްނީ ޓްރާންސްޕްލާންޓު ކުރުމަށް ލާރި ބޭނުންވެފައިވާ ފިރިހެން ދަރިފުޅަކަށެވެ. އެގޮތުން އޭނާ ހިއްސާކޮށްފައިވާ ގޮތުގައި އޭނާގެ ދެ ކޮއްކޮއާ މަންމަ އާ އެކު ދިރިއުޅެމުން އަންނަނީ ވަރަށް ކުޑަ ކުޑަ ތަންކޮޅެއްގައި ކަމަށާއި ހުރިހާ ހަރަދެއް ބެލެއްޓެނީ ވަރަށް އުނދަގުލުން ކަމުގައި ބުނެފައިވެއެވެ. އަދި ދިރިއުޅެވޭނެ ތިޔާގި ކަން ނެތުމުގެ ސަބަބުން މަންމަ މި ދުނިޔެއިން ވަކި ވާން ނުވަތަ އުންމީދު ކަނޑާލާން ބޭނުްނނުވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ގިވްއަވޭ ނިންމާލަމުން ކައި ބުނެފައިވާގޮތުގައި މި ގިވްއަވޭ ގެ މަގުސަދަކީ އެހީއަށް ބޭނުންވެފައިވާ 3 ފަރާތަކަށް އެހީވުމެވެ. އަދި އެގޮތުން އޭނާގެ ޓީމުން ގިވްއަވޭ ގައި ބައިވެރިވި 10 ފަރާތެއް ޝޯޓުލިސްޓު ކުރި ކަމަށާއި ހިޔާރުކޮށްފައިވަނީ އެންމެ ހައްގު ކަމަށް ފެނުނު ތިން ފަރާތްތަކަމަށެވެ. އަދި ގުރުއަތުން ނެގިނަމަ ބޭނުން ޖެހިފައިވާ ފަރާތެއް ބާކީ ވެދާނެ ކަމުގައި ވާތީ މިގޮތަށް އަމަލުކުރީ ކަމުގައި ވެސް ކައި ބުނެފައިވެއެވެ.
މި ގިވްއަވޭގައި 20،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު ގިވްއަވޭ ގައި ބައިވެރިވި އެންމެނަށް ކައި ވަނީ ޝުކުރު އަދާކޮށްފައެވެ.